އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
52 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ތޮއްޑޫގެ ދެކުނު ފަރާތުގައި 430 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޖެޓީގެ ފަޅު ފުންކުރުމާއެކު 70 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެރަށުގައި ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒާއި، ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅާފައެވެ. އަދި ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!