މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި ބަދަލު ގެންނަން ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު'' މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
ހަންނާނު ހުށަހެޅުއްވި މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ކުރިއެރުވުން ކަމަށް ބަޔާންކޮށްފައިވާއިރު، އައު ބިލުގައިވާ ގޮތުން، އުފައްދަން ހުށަހަޅާފައިވާ ކޮމިޝަނުގައި 7 މެންބަރުން ހިމެނޭނެއެވެ. މީގެ ތެރެއިން 3 މެންބަރުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރައްވާގޮތަށް ހުށަހަޅާފައިވާއިރު، އަނެއް 4 މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މި ބިލުގެ ދަށުން އައު ކޮމިޝަނަށް ލިބިދޭނެ ބާރުތަކުގެ ގޮތުގައި ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ގާނޫނާ ޚިލާފުވާ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، މައްސަލަތައް ބަލަމުންދާ ވަގުތުތަކުގައި ވަގުތީގޮތުން މީޑިއާތަކުގެ ރަޖިސްޓްރީ ބާޠިލުކުރުމާއި، ވެބްސައިޓްތައް ބްލޮކްކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.
ހަންނާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލާއިމެދު ނޫސްވެރިންގެ ބޮޑެތިކަންބޮޑުވުންތަކެއް ހާމަކުރަމުން ގެންދިޔުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު ވެރިކަންކުރާ ޕީއެންސީން ވަނީ އެ ބިލު މަޖިލީހުން ބޭރުކޮށްލާފައެވެ.
ހަންނާންގެ އައު ބިލާމެދު ވެސް އިދިކޮޅު ފަރާތްތަކާއި، ބައެއް ސިޔާސީ އިސް ބޭފުޅުންނާއި އަދި މީޑިއާގެ ދާއިރާގެ ބައެއް ފަރާތްތައް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބިލު ހުށަހެޅުއްވި ހަންނާން ވިދާޅުވެފައިވާ ގޮތުގައި ބިލަކީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި އޭނާ ހުށަހަޅުއްވާފައިވާ ބިލެކެވެ. އަދި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ޙައްޤުތައް ލިބިދީ، ތެދު ޚަބަރު ފެތުރުމަށް މި ބިލުން މަގުފަހިކޮށްދީފައިވާކަމަށް ވިދާޅުވެ، އެ ބިލަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި ބިލު މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާއިރު، މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްުތިދާއީ ބަހުސް ފެށުމަށް ވެސް ވަނީ އެޖެންޑާގައި ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!