ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހއ. ބާރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އިން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
އެގޮތުން މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަޞީޙް (37އ) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު ، އިބްރާހީމް ކަލީމް (34އ) އެވެ.
މީގެ އިތުރުން މި އޮޕަރޭޝަނުގައި އެ ރަށު ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގެ ގޮތުގައި 5.96 ގްރާމު ހުރިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ބާރަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!