ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލްގެ ސަރުކާރަށް ޕްރެސަރކޮށްދިނުމަށް އެދި އިސްރާއީލްގެ އިންޓެލިޖެންސް އޭޖެންސީތަކުގެ ކުރީގެ އިސްވެރިންވެސް ހިމެނޭ ގޮތަށް އެތައްސަތޭކަ އިސްރާއީލީ ސެކިއުރިޓީ އޮފިޝަލުންތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލާފައިފިއެވެ.

މިކަމަށް ގޮވާލައި އިސްރާއީލްގެ ކުރީގެ އޮފިޝަލުން ހޯމަ ދުވަހު ވަނީ އެފަރާތްތަކުގެ ސިޓީއެއް މީޑިއާގައި ހިއްސާކޮށްފައެވެ.

Ad
rt

"އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ނިންމުމަކީ ހަމާސްއަކީ މިހާރު އިސްރާއީލަށް ސްޓްރެޓެޖިކް ނުރައްކަލެއް ނޫންކަން" އެ ސިޓީއެއްގައި ބުނެފައިވެއެވެ.

"ފުރަތަމަ މިއީ އިންސާފުވެރި ހަނގުރާމައެއް، ދިފާއީ ހަނގުރާމައެއް، އެކަމަކު އަސްކަރީ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުވުމަށްފަހު، މިއީ އިންސާފުވެރި ހަނގުރާމައެއް ނޫން،" ޝިން ބެޓް ސެކިއުރިޓީ ސަރވިސްގެ ކުރީގެ ޑިރެކްޓަރ އަމީ އަޔަލޯން ބުންޏެވެ.

23 ވަނަ މަހަށް އެޅެމުންދާ މި ހަނގުރާމަ "އިސްރާއީލުގެ ސަލާމަތާއި އައިޑެންޓިޓީ ގެއްލުމަށް މަގުފަހިކުރަމުންދާކަމަށް އަޔަލޯން ސިޓީއާއެކު އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފަވެއެވެ.

ޝިން ބެޓް އަދި މޮސާޑް ޖާސޫސީ އޭޖެންސީގެ ކުރީގެ އިސްވެރިން ހިމެނޭގޮތަށް 550 މީހުން ސޮއިކޮށްފައިވާ މި ސިޓީގައި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހަނގުރާމަ ހުއްޓުވުމަށް މަގުދައްކައިދީ ޕްރެސަރކޮށްދިނުމަށް އިސްރާއީލްގެ އިސް ބައިވެރިޔާ ޓްރަމްޕަށް ގޮވާލާފައިވެއެވެ.

އިސްރާއީލުން ޣައްޒާ ސްޓްރިޕްގައި އަސްކަރީ އޮޕަރޭޝަން ފެށީ ފަލަސްތީނުގެ ހަމާސް ޖަމާޢަތުން 2023 އޮކްޓޯބަރު 7 ގައި ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބުނެއެވެ. އެބަހަނާދައްކައި އިސްރާއީލުން ގެންދަނީ ކުށެއްނެތް އެތައް ހާސް އާންމުންނެއް، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ޝަހީދުކޮށް މުޅި ޣައްޒާ ސުންނާފަތި ކުރަމުންނެވެ.

އިސްރާއީލުން ހިންގާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ސަބަބުން ފަހަކަށްއައިސް އިސްރާއީލަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަނީ ވަރަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިލާން ޖެހިފައެވެ. ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވެ، އިސްރާއީލީ ރަހީނުން ގައްޒާއިން ދޫކޮށްލައި، އދ. އޭޖެންސީތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ގޮވާލަމުންނެވެ.

ނަމަވެސް ނަތަންޔާހޫގެ އިއްތިހާދު ސަރުކާރުގެ ވަޒީރުންވެސް ހިމެނޭގޮތަށް އިސްރާއީލުގެ ބައެއް ފަރާތްތަކުން، ބާރުއަޅަމުންދަނީ އިސްރާއީލީ ބާރުތަކުން ހަނގުރާމަ ކުރިއަށް ގެންދިޔުމަށާއި، މުޅި ޣައްޒާ ނުވަތަ ޣައްޒާގެ ބައެއް ހިފައި އަތްގަދަކުރުމަށެވެ.

މި ސިޓީގައި މޮސާޑްގެ ކުރީގެ ތިން އިސްވެރިންކަމަށްވާ ތަމީރު ޕަރްދޯ، އެފްރައިމް ހަލެވީ އަދި ޑެނީ ޔަތޯމް ސޮައިކޮށްފަވެއެވެ. ސޮއިކުރި އިތުރު ފަރާތްތަކުގެ ތެރޭގައި ޝިން ބެޓްގެ ކުރީގެ ފަސް އިސްވެރިންކަމަށްވާ އަޔަލޯންގެ އިތުރުން ނަދަވް އަރްގަމަން، ޔޯރަމް ކޯހެން، ޔައަކޯވް ޕެރީ އަދި ކާމީ ގިލޯން އަދި ކުރީގެ ބޮޑުވަޒީރު އެހޫދް ބަރަކް، ކުރީގެ ދިފާއީ ވަޒީރު މޯޝޭ ޔައަލޯން އަދި ޑަން ހަލުޓްޒް ހިމެނެއެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި އިސްރާއީލީ މިލިޓަރީއިން ބާރުގެ ބޭނުންކޮށްގެން ހާސިލުކުރެވޭނެ ދެ ލަނޑުދަނޑި ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ހަމާސްގެ އަސްކަރީ ފޯމޭޝަންތަކާއި ވެރިކަން ނައްތާލުންކަމަށް އެ ސިޓީގައި ބުނެފަވެއެވެ. އެ ސިޓީގައި ބުނެފައި ވަނީ ތިންވަނަ، އަދި އެންމެ މުހިންމު ކަމަކީ، ހަމައެކަނި ޑީލްއެއްގެ ތެރެއިން ހާސިލުކުރެވޭނެ ކަމެއްކަމަށެވެ. އެއީ ހުރިހާ ރަހީނުން އަނބުރާ ގެނައުންކަމަށް ސިޓީގައި ބުނެފަވެއެވެ.

"ބާކީ ތިބި ހަމާސްގެ އިސް އޮޕަރޭޓިވުންނަށް ފަހުން ހޯދިދާނެ،" ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި، ކުރީގެ އޮފިޝަލުން ބުނެފައި ވަނީ ގިނަ އިސްރާއީލީން ޓްރަމްޕަށް އިތުބާރުކުރާ ކަމަށެވެ. އަދި ހަނގުރާމަ ނިންމައި ރަހީނުން އަނބުރާ ގެނައުމަށް ނަތަންޔާހޫއަށް ބާރުއަޅައިދިނުމަށް ޓްރަމްޕްގެ ކިބައިން އެދިފަވެއެވެ.