އޮސްޓްރޭލިޔާގެ ސިޑްނީ ހާބަރ ބްރިޖްގައި ފަލަސްތީނަށް ތާއީދުކޮށް އާދީއްތަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ ބޭއްވި އިހުތިޖާޖުގައި ވިކީލީކްސްގެ ބާނީ ޖުލިއަން އަސާންޖްވެސް ބައިވެރިވެއްޖެއެވެ.
ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކު އެއްވެ ސިޑްނީ ހާބަރ ބްރިޖް ސަރަހައްދު ފުރިބާރުވުމުގެ ސަބަބުން މި މަޝްހޫރު ތަން ބަންދުކުރަން ވެސް ޖެހުނެވެ.
މި އިހްތިޖާޖުގައި ވިކީލީކްސްގެ ބާނީ ޖުލިއަން އަސާންޖް ވެސް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ވަނީ ބައިވެރިވެ ހިނގާފައެވެ.
އިނގިރޭސިވިލާތުގެ ޖަލަކުން ދޫކޮށްލުމަށްފަހު ފާއިތުވި އަހަރު އޮސްޓްރޭލިއާއަށް އެނބުރި އައި އަސާންޖް މިހިނގާލުމުގައި ބައިވެރިވީ އޭނާގެ އާއިލާއާއެކު އަދި އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރ އަދި ނިއު ސައުތު ވޭލްސްގެ ޕްރިމިއަރ ބޮބް ކާރ އާއެކު އެވެ.
ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން އިތުރުވަމުން ދިއުމާއެކު ބައިނަލްއަޤްވާމީ ކަންބޮޑުވުން އިތުރުވެ، ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތް އަދި ކެނެޑާ ވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ.
އޮސްޓްރޭލިއާއިން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް މިހާތަނަށް ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ނަމަވެސް އަންގާރަ ދުވަހު 13 އެހެން ޤައުމުތަކާއެކު ނެރުނު ބަޔާނެއްގައި، "ދެ ދައުލަތުގެ ހައްލަކަށް އަސާސީ ފިޔަވަޅެއްގެ ގޮތުން" ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރަށް ނުވަތަ އެކަމާމެދު އެދެވޭ ގޮތެއްގައި ވިސްނަމުންދާކަމަށް ބުނެފައިވެއެވެ.
ވަރުގަދަ ވައި އަދި ވާރޭއާ ދެކޮޅަށް ފަލަސްތީނަށް ތާއީދުކުރާ ޖަމާޢަތްތަކުން ބްރިޖް މަތީގައި މާރޗްކޮށް، "މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލާ" އަދި "ފަލަސްތީން މިނިވަންކުރޭ" ގޮވަމުން ދިޔައެވެ.
Over 300,000 people crossed Sydney Harbour Bridge today in solidarity with Gaza. pic.twitter.com/Ex6IDjcnYe
— The Resonance (@Partisan_12) August 3, 2025
ނިއު ސައުތު ވޭލްސް ފުލުހުން ބުނި ގޮތުގައި މި މާރޗަށް ސިޑްނީގައި އިތުރު ސަތޭކަ ފުލުހުން ވަނީ ޑިޕްލޯއި ކޮށްފައެވެ.
ވާތު-ފިކުރުގެ ގްރީންސް ޕާޓީގެ ނިއު ސައުތު ވޭލްސްގެ ސެނެޓަރ މެހްރީން ފަރޫޤީ، ސިޑްނީގެ މެދުތެރޭގައި ހުންނަ ލޭންގް ޕާކުގައި އެއްވެފައި ތިބި ބަޔަކަށް ވާހަކަދައްކަމުން ބުނީ މި މާރޗަކީ "ތާރީޚު ލިޔާނެ" މާރޗެއް ކަމަށެވެ.
އޭނާ އިސްރާއީލްގެ މައްޗަށް "އެންމެ ހަރުކަށި ފިޔަވަޅުތައް" އެޅުމަށް ގޮވާލައި، އިސްރާއީލްގެ ބާރުތަކުން ޣައްޒާގެ މީހުން "މަރައި" ކަމަށް ތުހުމަތުކުރިއެވެ. އަދި މި އިހްތިޖާޖު ކުރިއަށް ގެންދިއުމަށް ހުއްދަ ނުދޭންވީ ކަމަށް ނިއު ސައުތު ވޭލްސްގެ ޕްރިމިއަރ ކްރިސް މިންސް ބުނި ބުނުމަށް ފާޑުކިޔައިފިއެވެ.
އޮކްޓޫބަރު 2023 ގައި ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ދިން ހަމަލާއަށްފަހު ފެށުނު ޣައްޒާގެ ހަނގުރާމައިގައި ޝަހީދުވެފައި ފަލަސްތީނު އެތައް ހާސް ކުދިންގެ ނަންތައް ލިޔެފައިވާ ބެނާތައް ގިނަ އަދަދެއްގެ މުޒާހަރާކުރާ މީހުން ހިފައިގެން ތިބިއެވެ.
ލޭބަރ ޕާޓީގެ ބެކްބެންޗް އެމްޕީ އެޑް ހުސިކް މި މާރޗްގައި ބައިވެރިވެ، ޕްރައިމް މިނިސްޓަރ އެންތަނީ އަލްބަނީޒް އިސްކޮށް ހުންނަވާ އޭނާގެ ޕާޓީން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައިފިއެވެ.
އަސާންޖް އެއްވެފައިވާ މީހުންނާ މުޚާތަބުކޮށް ވާހަކަދައްކާފައެއް ނުވެއެވެ. އަދި މީޑިއާއަށްވެސް ވާހަކަދައްކާފައެއް ނުވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި 60،000 އަށްވުރެ ގިނަ ފަލަސްތީނުން މަރުވެފައިވާ ލޭއޮހޮރުވުން ހުއްޓާލުމަށް އިސްރާއީލްގެ މައްޗަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަނީ ބާރުއަޅަމުންނެވެ.
ހާބަރ ބްރިޖަކީ އެއް ކިލޯމީޓަރަށްވުރެ ދިގު ބްރިޖެކެވެ. އަދި މި ބްރިޖް ހުޅުވުނީ 1932 ގައެވެ. އޭގެފަހުން، މި ބްރިޖްގެ ޖޯޑު އާކުތައް ވަނީ ދުނިޔޭގައި މަޝްހޫރުވެ، ސިޑްނީ އަދި އޮސްޓްރޭލިއާގެ ނިޝާނަކަށް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!