އޮސްޓްރޭލިޔާގައި ދިރިއުޅޭ ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކު އެއްވެ، ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލަމުން އާދީއްތަ ދުވަހު ސިޑްނީ ހާބަރ ބްރިޖް މަތިން ހިނގާލުމެއް ބާއްވައިފިއެވެ.
''މިޑްލް އީސްޓް މޮނިޓަރ''ގައި ބުނެފައިވާ ގޮތުގައި އޮސްޓްރޭލިޔާގައި ދަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކު ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާތައް ބާއްވަމުންނެވެ. އަދި މިއީ 'ޕެލެސްޓައިން އެކްޝަން ގްރޫޕުން' އިސްނަގައިގެން ސިޑްނީގެ މަޝްހޫރު ބްރިޖްގައި މުޒާހަރާއެއް ބޭއްވި ފުރަތަމަ ފަހަރުކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ޕެލެސްޓައިން އެކްޝަން ގްރޫޕް ސިޑްނީން އިންތިޒާމްކުރި "މާރޗް ފޮރ ހިއުމެނިޓީ" ގައި "މި އަނިޔާވެރިކަމާ ދެކޮޅަށް އެއްވެސް ކަމެއް ނުކޮށް ތިބެވެން ނެތްކަމަށާއި، ކޮންމެ މީހަކު އަދި ކޮންމެ ޖަމްޢިއްޔާއަކަށްވެސް" ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމުގައި ބައިވެރިވުމަށް ގޮވާލާފައިވެއެވެ.
މި މުޒާހަރާގައި ވަނީ، މި ހަރަކާތަކީ "ދުނިޔެއަށާއި، ޣައްޒާއަށާއި، އިސްރާއީލަށާއި، އަދި އަމިއްލަ ސަރުކާރަށްވެސް އިންސާނިއްޔަތަށްޓަކައި ތެދުވުމަށް އަޅުގަނޑުމެން ނިންމާފައިވާކަން އަންގައިދޭނެ" ކަމެއްކަމަށް ބުނެ، އިދާރާތަކުން މިކަމަށް އެހީތެރިވެދިނުމަށް ގޮވާލާފައިވެއެވެ.
ފަލަސްތީނަށް ތާއީދުކޮށް އާދީއްތަ ދުވަހު އޮސްޓްރޭލިޔާގައި ކުރި މުޒާހަރާގެ ތެރެއިން
"ދެ މިލިއަން ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖެއްސުމަކީ އިސްރާއީލީ ވެރިން ތަކުރާރުކޮށް އިޢުލާންކުރާ، ޣައްޒާގެ މުޅި ފަލަސްތީނުގެ އާބާދީ މަރާލުމަށް ނުވަތަ ނެރެލުމަށް އެކުލަވާލާފައިވާ ފުޅާ ޕްލޭނެއްގެ ބައެއް، މިއީ ނަސްލު ނައްތާލުމެއް،" އެ ގްރޫޕުން ބުންޏެވެ.
އެންއެސްޑަބްލިއު ފުލުހުން އެކްސްގައި ބުނެފައިވަނީ އާންމު ސަލާމަތީ ކަންކަމަށްޓަކައި، އެންމެން ރައްކާތެރިކަމާއެކު ބްރިޖުން ފައިބައި، މުޒާހަރާކުރާ މީހުންނާއެކު މަސައްކަތްކުރާނެ ކަމަށެވެ.
Over 300,000 people crossed Sydney Harbour Bridge today in solidarity with Gaza. pic.twitter.com/Ex6IDjcnYe
— The Resonance (@Partisan_12) August 3, 2025
މި މުޒާހަރާގައި ގްރީންސްގެ ނިއު ސައުތު ވޭލްސްގެ ސެނެޓަރު މެހްރީން ފަރޫޤީ ޖަމާވެފައިތިބި މީހުންނާ މުޚާޠަބުކޮށް "އިސްރާއީލާ މެދު އެންމެ ހަރުކަށި ފިޔަވަޅުތައް" އެޅުމަށް ގޮވާލާފައި ވެއެވެ.
އިސްރާއީލު ސިފައިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާއަށް އަނިޔާވެރި ހަމަލާތަކެއް ދެމުންދާއިރު، 60،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ހުއްޓުމެއްނެތި ދެމުންދާ ބޮންހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދު ވީރާނާވެ، ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ، ބަނޑަހައިހޫނުކަމުގެ ސަބަބުން މީހުން މަރުވަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!