ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ އެހެނިހެން އިލްމުތައް ހާސިލްކުރުމަށް ފަސޭހަވެގެންދާނޭ ކަމެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން އިލްމުތައް ހާސިލުކުރާން ފަސޭހަވާނޭ ކަމެކެކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީޘް އިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށެވެ. އެގޮތުން اَلْإِمَامُ النَّوَوِيْ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ސަލަފުންގެ ޒަމާނުގައި ކީރިތި ޤުރްއާން ހިތުދަސް ދަރިވަރަކަށް ނޫނިއްޔާ ހަދީޘް އިލްމާއި ފިގުހު އިލްމު އެބޭކަލުން އުނގަންނަވައެއް ނުދެއްވައެވެ."
ހުތުބާގައި ވިދާޅުވީ ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ގިޔާމަތާއި ހަމަޔަށް ދެމިގެންދާ މުއުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅު ކަމަށާއި އެ ޤުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲ ވަނީ މެދުވެރިކުރައްވައިފައިވާ ކަމަށެވެ. އެގޮތުން ޤުރްއާން ކިޔަވައި އެ ޤުރްއާން ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތްކަމަށެވެ.
ހުތުބާގައި ވިދާޅުވީ ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެން ކަމަށާއި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމާއި އަދި އެކަމުން ﷲ ގެ ހަޟްރަތުން ލިބޭނޭ މަތިވެރި ދަރަޖައަށް އެދި އެކަން ކުރުން ކަމަށެވެ.
ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ހަޔާތާއި އުހްރަވީ ހަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެއްކަން ފާހަގަ ކުރައްވައި ހުތުބާގައި ވިދާޅުވީ ޤުރްއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަމަށެވެ.
ހުތުބާގައި ވިދާޅުވީ ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިހުލާސްތެރިކަމާއި އުހުރަވީ ހަޔާތުގައި ﷲގެ ހަޟްރަތުން ލިބޭން ހުރި ނިއުމަތްތައް ހަނދާންކުރަން ޖެހޭކަމަށާއި ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ގަވައިދުން މުރާޖާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!