ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގަައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މަސީޙް މޫސާ، ތ.ވިލުފުށި/ މަލަސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭނާ ހައްޔަރުކުރުމާއެކު އޭނާ ގެންގުޅޭ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މަސީޙް މޫސާ ހައްޔަރުކޮށްފައިވާއިރު، ރައީސަށް މަރުގެ އިންޒާރުދީ ޕޯސްޓެއްކޮށްފައި ވަނީ ‘’މަސީޙް މޫސާ’’ ނަމުގައި ފޭސްބުކްގައި ބޭނުންކުރަމުން އަންނަ އެކައުންޓަކުންނެވެ.
އެމީހާ ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިކަން ހާމަކުރަށްވައި ރޭ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރަކާއި ގުޅުވައެވެ.
‘’ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދިނުމަށް މަޝްވަރާކުރަނީ’’ ސުރުޚީގެ ދަށުން ގެނެސްފައިވާ އެ ޚަބަރު ފޭސްބުކްގައި ޝެއާ ކުރަމުން އެމީހާ ވަނީ ހުތުރު އިބާރާތުން ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!