2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 60،034 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދީފި އެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 113 މީހުން ހޮސްޕިޓަލުތަކަށް ގެނެވިފައިވާ އިރު، 637 މީހުން ޒަހަމްވެފައިވެއެވެ. މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވެފައިވަނީ 145،870 މީހުންނެވެ.
މީގެ އިތުރުން، ޝަހީދުވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުތައް އިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި ތާށިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އިންސާނީ އެހީ ހޯދަން އުޅުނު ފަރާތްތަކުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 22 މީހުން ޝަހީދުކޮށްލާފައިވާއިރު، 199 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މޭ 27 އިން ފެށިގެން އިންސާނީ އެހީ ހޯދަން އުޅުނު ފަރާތްތަކުގެ ތެރެއިން 1،179 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި 7،957 މީހުން ވަނީ ޒަހަމްވެފައެވެ.
މާރޗް 18 ގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް އަލުން ފެށުމަށްފަހު 8،867 މީހުން ޝަހީދުވެފައިވާއިރު، 33،829 މީހުން ވަނީ ޒަހަމްވެފައެވެ. މިއީ ޖަނަވަރީ މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ގައިދީން ދޫކޮށްލުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ދިން ހަމަލާތަކުގައި ޝަހީދުވި އަދަދެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކުގެ ޖަމްއިއްޔާ ބީސެލެމް އާއި ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް-އިސްރާއީލުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުންދާ ކަމަށެވެ. އެގޮތުން ފަލަސްތީނު ނަސްލު ނައްތާލުމަށް ސިސްޓަމެޓިކް ގޮތެއްގައި މަސައްކަތްކުރަމުންދާ ކަމަށާއި، ޣައްޒާގެ ސިއްހީ ނިޒާމު ގަސްތުގައި ފުނޑުފުނޑުކޮށްލަމުންދާ ކަމަށް އެ ޖަމްއިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!