ކުޅުދުއްފުށި ސިޓީގައި ބަށި ކޯޓެއް ތަރައްްޤީކުރުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި 66 މީހުން އެކަމަށް ތާއީދު ކުރާކަމަށް ދައްކައިފިއެވެ.

އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލި މި ފުރުސަތުގައި ފުރާފައިވާ ފޯމުތަކުގެ ނަތީޖާ އާންމު ކުރަމުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފައިވަނީ މި ފޯމު ފުރާފައިވަނީ މުޅި ޖުމްލަ 120 ބޭފުޅުންކަމަށެވެ.

Ad
rt

އޭގެ ތެރޭގައި ހިމެނެނީ 82 އަންހެން ބޭފުޅުންނާއި 38 ފިރިހެން ބޭފުޅުންނެވެ.

އެގޮތުން ބަށި ކޯޓު އެޅުމަށް ފެންނަކަމަށް ފާހަގަކޮށްފައިވަނީ 66 (55 އިންސައްތަ) ބޭފުޅުން ކަމަށާއި، ރަށުގައި ބަށި ކޯޓެއް އަޅަން ނުފެންނަކަމަށް އެއްބަސް ވެފައިވަނީ 54 (45 އިންސައްތަ) ބޭފުޅުން ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަކީ ހިންގަމުންދާ ކޮންމެ މަޝްރޫޢުއެއް ފެށުމުގެ ކުރިންވެސް އާންމު ރައްޔިތުންގެ ހިޔާލުތަކާއި ޝަކުވާތައް އަޑު އަހައި މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރާ ކޮމިޓީ އެއް ކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ވެސް މި ހިޔާލު ހޯދުމުގެ ވޯޓަށް ހުޅުވާލާފައިވެއެވެ. އެފަހަރު ކުޅުދުއްފުށި ސިޓީ ގައި ބަށިކޯޓެއް އެޅުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރެވުނު ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ އަދަދު އެކަށީގެންނުވާ ކަމަށް ފެންނާތީ، އަލުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ނިންމައި އަލުން އިޢުލާން ކުރީ އެވެ.

އެފަހަރު ސަރވޭގައި ބައިވެރިވެފައިވަނީ ޖުމްލަ 57 ފަރާތެއްކަމަށެވެ. މީގެ ތެރެއިން 39 ފަރާތުން (68 އިންސައްތަ) ވަނީ ބަށިކޯޓު އެޅުމަށް ތާއީދުކޮށްފައެވެ. އަދި 18 ފަރާތުން (32 އިންސައްތަ) ވަނީ މިކަމަށް ތާއީދު ނުކުރާކަމަށް ފާހަގަކޮށްފައެވެ.

ކުޅުދުއްފުއްޓަކީ ރައްޔިތުންގެ މުނި ފޫހި ފިލުވުމަށާއި އެކި ކަހަލަ ކުޅިވަރުތައް ކުޅުމަށް ޒަމާނީ ފެންވަރަށް ކޯޓުތައް ތަރައްޤީކޮށްފައިވާ ސިޓީ އެކެވެ. އެގޮތުން އެ ސިޓީގައި ވަރަށް ފަހުން ވަނީ ނެޓުބޯޅަ ކޯޓަކާއި ވޮލީބޯޅަ ކޯޓެއްވެސް ތަރައްޤީކޮށް އާންމު ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.