ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުސާރައާއި ގުޅުވައި މީސްމީޑިއާގައި ފަތުރަމުން އަންނަ ވާހަކަތަކަކީ މުވައްޒަފުންގެ ހިތްވަރަށް ހުރަސްއަޅައި، ކުންފުންޏާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ދެމުން އަންނަ މުސާރައާއި އިނާޔަތުގެ ތެރެއިން ޑޮލަރުން ދެމުން އައި ބައި އުނިކުރަން ނިންމާފައިވާ ކަމަށް މީސްމީޑިއާގައި ވާހަކަފަތުރަމުން އަންނަ ކަމަށެވެ. މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

Ad
rt

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި، އެ ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އެމްއޭސީއެލް އިން ޔަގީންކަން ދީފައިވަނީ، މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި ކުންފުނިން ކޮށްފައި ނުވާ ކަމާއި، އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

''މި ކުންފުނިން އަރުވަން ބޭނުންވާ ޔަގީންކަމަކީ ކުރިއަށް އޮތްތަނުގައިވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މި ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމެއް، މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަން'' އެމްއޭސީއެލުން ބުނެފަވެއެވެ.

މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.