އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ބައެއް ހިސާބުތަކުން ބުރާސްފަތި ދުވަހު ކަރަންޓް ކެނޑުނު ނަމަވެސް، އެކަމާއި ގުޅިގެން އާންމު އޮޕަރޭޝަނަށް އެއްވެސް ދަތިކަމެއް ދިމާނުވާކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ކޭއާރުއެޗުން މިއަދު ބުނީ 17 ޖުލައި 2025 ވީ ބުރާސްފަތި ދުވަހު މެންދުރު އެ ހޮސްޕިޓަލްގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑެން ދިމާވީ ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

Ad
rt

ޕެނަލް ބޯޑަށް މައްސަލަ ދިމާވެ ކޭއާރުއެޗްގެ އައިސޮލޭޝަން ވޯޑުގެ ގޮތުގައި ބޭނުންކުރާ ވޯޑް އަދި ޕްރައިވެޓް 2 ރޫމުން ކަރަންޓް ކެނޑުނެވެ.

’’މިކަމުގެ ސަބަބުން ހޮސްޕިޓަލުގެ އާންމު އޮޕަރޭޝަނަށް އެއްވެސް ދަތިކަމެއް ދިމާވެފައެއް ނުވެއެވެ. އަދި މި ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދާ ހޮސްޕިޓަލަކަށްވާތީ، މައްސަލަ ހައްލުކުރުމުގައި ހިދުމަތައް ބުރޫ ނާރާނެ ގޮތަކަށް ކަންތައްތައް ރާވާނެކަމުގައި ދަންނަވަމެވެ.’’ ކޭއާރުއެޗުން ބުނެފަވެއެވެ.

އެ ހޮސްޕިޓަލުން ވަނީ އެކަން ހިނގަން މެދުވެރިވި ސަބަބު އާންމު ރައްޔިތުންނަށް ސާފުކޮށްދިނުމާއެކު، އެ މިހޮސްޕިޓަލާއި ދޭތެރޭ ރައްޔިތުން ބަހައްޓާގާތްކަމާއި، އެއްބާރުލުން ފާހަގަކޮށްފައެވެ.

ކޭއާރުއެޗަކީ އުތުރުގެ ރަށްތަކުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ކީމޯތެރަޕީއާއި، ޑައިލަސިސްގެ ޚިދުމަތާއި އެމްއާރުއައިގެ ޚިދުމަތްތައް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުން ދޭ މައިގަނޑު ގިނަ ޚިދުމަތްތަކެއް ލިބެއެވެ. އަދި ކުދި ސާޖަރީތަކުން ފެށިގެން ބައެއްކަހަލަ ބޮޑެތި ސާޖަރީތައް ވެސް ކުރެއެވެ.