މޮރޮކޯ ސަރުކާރުން ރާއްޖޭގެ އިމާމުންނަށް އަރަބި ބަސް ކިޔަވައިދިނުމުގެ ފުރުޞަތެއް ފަހިކޮށްދީފި އެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
ޝަހީމް ވިދާޅުވީ، މި ފުރުޞަތުދިންކަން ރަސްމީކޮށް އަންގާފައިވާކަމަށާއި، މިކަން މިގޮތަށް ފަހިވެގެން ދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ޚާއްޞަ ސިޓީފުޅަކާ ގުޅިގެން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން މޮރޮކޯގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިޓިއުޓަކީ، އެ ޤައުމުގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިޓިއުޓެކެވެ. އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާއިރު، އުނގެނުމުގެ މުއްދަތުގައި އަމިއްލަ ޚަރަދުތަކަށް ޕޮކެޓްމަނީ ވެސް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި ފުރުޞަތަކީ ރާއްޖޭގެ އިމާމުންގެ ޢިލްމީ ފެންވަރު އުފުލައި، ދީނީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދާނެ ވަރަށް މުހިއްމު ފުރުޞަތެއް ކަމަށް ވެސް ވަޒީރު ޝަހީމް ފާހަގަ ކުރައްވާފަ އެވެ.
އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށާއި، މި އެއްބަސްވުމުގެ ކޮޕީ މިހާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބިފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.
މޮރޮކޯގައި އިމާމުންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ޚާއްޞަކުރެވިފައިވާ މައި މަރުކަޒަކީ މުޙައްމަދު ހަވަނަ އިންސްޓިއުޓެވެ. މި އިންސްޓިޓިއުޓަކީ މޮރޮކޯއިން އެޤައުމުގެ ދީނީ މަޝްރަޙު އިޞްލާޙު ކުރުމަށާއި، މެދުމިނުގެ އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރަމުންއަންނަ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!