ށ. ނޫމަރާ ކައުންސިލް އާ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ޕީއެސްއައިޕީ)ގައި ހިމެނައިގެން، ށ. ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
ނޫމަރާ ކައުންސިލް އާ އިމާރާތުގެ މަޝްރޫޢޫގެ މަސައްކަތް ކޮށްފައި ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢު އާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބުނެފައި ވަނީ ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ ކުރެހުމާއި ޑިޒައިން ކޮށްފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެ ގޮތަކަށްކަމަަށެވެ.
މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ޚާއްސަ ކުރެވިފައިވެއެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޚާއްސަ ފާޚާނާއެއް މި އިމާރާތުގައި ހިމެނިފައިވާނެއެވެ.
މި މަޝްރޫޢުގެ އަގަކީ މުޅި ޖުމްލަ 3.9 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!