ނ. ކެނދިކުޅުދޫ ހޭޅިފަށުގައި ހެދިފައިވާ ގަސްތައް ހުއްދަނެތި ކަނޑަމުންދާ މައްސަލަ އިތުރުވެފައިވާކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލުން ނެރުނު އިޢުލާނެއް ބުނެފައިވަނީ، ރަށުގެ އެކި ސަރަހައްދުތަކުގެ ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ހޭޅިފަށުގައި ހެދިފައިވާ ބޮޑެތި ގަސްތައް ހުއްދަނެތި ކަނޑަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.
ކައުންސިލުން ވިދާޅުވިގޮތުގައި، "މިފަދަ ޢަމަލުތަކުގެ ސަބަބުން ރަށުގެ ހޭޅިފަށުގައި ހިފެހެއްޓިފައިވާ ވެލިގަނޑު ގިރާލައި، ރަށުގެ ހޭޅިފަށް ގިރުމަށް މަގުފަހިވެގެންދެއެވެ. އަދި ބޮޑެތި ގަސްތައް ކެނޑުމުގެ ސަބަބުން އެ ގަސްތަކުން ލިބެމުންދިޔަ ފިނިހިޔާ ގެއްލި، ރަށުގެ މަލަމަތީގެ ރީތިކަން ނެތިގެންދިއުމާއެކު، ގޮނޑުދޮށަށް އަނބުރާ އިޔާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ."
މި މައްސަލައާ ގުޅިގެން ކައުންސިލުން ވަނީ ކައުންސިލްގެ ހުއްދަ ނުހޯދައި ރަށުގެ ހޭޅިފަށުގައި ހެދިފައިވާ އެއްވެސް ބާވަތެއްގެ ގަހެއް ކެނޑުމަކީ މަނާކަމެއްކަން އަންގައި އިޢުލާންކޮށްފައެވެ. އަދި ރަށުގެ ވެށި ހިމާޔަތްކުރުމަކީ ހުރިހާ ފަރުދުންގެވެސް އިޖުތިމާޢީ ޒިންމާއެއްކަމަށް ދެކި، ހޭލުންތެރި މުޖުތަމަޢުއަކަށް ވުމަށް އިސްކަންދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ލޯކަލް ޓުއަރިޒަމަށް ކެނދިކުޅުދޫ ފައްކާކުރުމުގެ ގޮތުން ކެނދިކުޅުދޫ ބްރޭންޑިންގ "ދި މެންގްރޫވް އައިލެންޑް" ގެ ނަމުގައި ރަށް ޕްރޮމޯޓް ކޮށް މާކެޓްކުރަން މިއަހަރު އެރަށު ކައުންސިލުން ވަނީ ފަށާފައެވެ. ކެނދިކުޅުދޫއަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދި، ފެހިކަން ގަދަ ރަށެކެވެ. މި ރަށުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚާއްޞަ ކަމަކީ ގިނަ އަދަދެއްގެ ކުޅިތައް ހުރުމެވެ. މިއީ ދިވެހިރާއްޖޭގައި ވަރަށް މަދު ރަށަކުން ފެންނަ މަންޒަރެކެވެ. 207 ހެކްޓަރުގެ ބޮޑުމިން ހުރި މި ރަށުގައި ޤުދުރަތީ 9 ކުޅި ވެއެވެ. މީގެ ތެރެއިން 3 ކުޅީގެ ދިގުމިން 400 ފޫޓާއި 3000 ފޫޓާ ދެމެދުގައި ހުރެއެވެ. މި ކުޅިތަކުގައި ކަނޑޫފާ، ދިވެހިރާއްޖޭގައި މަދުން ފެންނަ ދޫނިސޫފާސޫފި، އެކި ވައްތަރުގެ މަސްމަހާމެހި އަދި ތަފާތު ބާވަތްތަކުގެ ގަސްގަހާގެހި އުޅެއެވެ.
ކެނދިކުޅުދޫގެ ރައްޔިތުންނަކީ އޯގާތެރި ބައެކެވެ. މި ރަށުގައި އާސާރީ ތަންތަން ނެތްނަމަވެސް، ލޯމާފާނުގައި މި ރަށުގެ ރަށްދެބައި މަގު ފާހަގަކުރެވިފައިވެއެވެ. މި ރަށުގައި ޤުދުރަތީ ރީތިކަމުން ފުރިގެންވާ ހަތް ކުޅި އެބަހުއްޓެވެ. މީގެ ތެރޭގައި "ދިމާފަޅު، މައިފަޅު، ތޮޅިފަޅު އަދި ހިކިކުޅި" ހިމެނެއެވެ.
ރަށުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ 274 ގެ ހުރެއެވެ. ރަށުގެ ބޮޑުމިނަކީ 218 ހެކްޓަރެވެ. އަދި 32 ވިޔަފާރިއާއި 11 ފިހާރަ ހުރެއެވެ. ރަށުގެ ޖުމްލަ އާބާދީއަކީ 2049 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!