އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 19 ޖޫން 2025ގެ ނިޔަލަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން މިހާރު ވަނީ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ. މި ރިޕޯޓަކީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން އަދާހަމަކޮށް އާންމުކުރަމުން އަންނަ ރިޕޯޓެކެވެ.

Ad
rt

މިގޮތުން މާލީ ވުޒާރާއިން އާންމުކޮށްފައިވާ 19 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ހޭދައާއި އާމްދަނީ ހިމެނޭ، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.3 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

މި މުއްދަތާއި ހަމައަށް ޓެކުހުގެ ގޮތުގައި ދައުލަތަށް 13.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.4 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 93.8 އިންސައްތަވަނީ އިތުރުވެފައެވެ.

މީގެ އިރުތުން އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 50.0 އިންސައްތަވަނީ އިތުރުވެފައިވާއިރު، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރުވަނީ އިތުރުވެފައެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 47.7 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.5 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.

މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.3 އިންސައްތައިން އިތުރުވެފައެވެ.

އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 45.6 އިންސައްތަވަނީ އިތުރުވެފައެވެ.