މިއަހަރު ފެށުނު ފަހުން ވެސް، ވެސްޓް ބޭންކުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ 1،000 ގެ ހައްދު ފަހަނަ އެޅި އިސްރާއީލުން ތަޅާލާފައިވާކަމަށް މީޑިއާ ރިޕޯޓު ތަކުން ބުނެފި އެވެ.
ފަލަސްތީނުގެ މީޑިއާ ކޮމިޓީތަކުން ހާމަކުރި ރިޕޯޓުތަކުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އޮކިއުޕައިޑް ވެސްޓް ބޭންކުގެ އެއް ހާހަށްވުރެ ގިނަ ފަލަސްތީނުންގެ ގެދޮރު ހަލާކުކޮށް، 55 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ބުނެފައިއެވެ.
އިސްރާއީލު ސިފައިންގެ މި އަނިޔާވެރި ޢަމަލުތައް އަމާޒުކުރީ ވެސްޓް ބޭންކުގެ އުތުރުގައި ޤާއިމުކޮށްފައިވާ ޖެނިން، ތުލްކަރަމް އަދި ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްތަކަށެވެ. މި ކޭމްޕްތަކުގައި އިސްރާއީލު ސިފައިންގެ އޮޕަރޭޝަންތައް ފެށިފައިވަނީ ޖަނަވަރީ 21 ގައެވެ. ޖެނިން ކޭމްޕުން އެކަނިވެސް 600 އަށްވުރެ ގިނަ ގެ ވަނީ ފުނޑުފުނޑުކޮށްލާ ދިރި ނޫޅެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި ގެތައް އަންދާލައި، މަގުތައް ހަލާކުކޮށް، ގިނަ އަދަދެއްގެ ރިހާއިޝީ އިމާރާތްތައް ސިފައިންގެ މަރުކަޒުތަކަށް ބަދަލުކޮށްފައިވެއެވެ.
ތުލްކަރަމް މީޑިއާ ކޮމިޓީގެ ވަކި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ބުލްޑޯޒަރުތަކުން ތުލްކަރަމް އަދި ނޫރު ޝަމްސް ކޭމްޕްތަކުން 400 ގެ ތަޅާލައި، 2،500 އަށްވުރެ ގިނަ ގެއަށް އެކި ވަރުގެ ގެއްލުން ދީފައިވެއެވެ. މީގެ އިތުރުން 106 އިމާރާތް ތަޅާލުމަށް ރޭވިފައިވާކަން ވެސް ކޮމިޓީން ހާމަކޮށްފައިވެއެވެ.
ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން، އިސްރާއީލު ސިފައިންނާއި ސެޓްލަރުންގެ އަތުން ވެސްޓް ބޭންކުގައި 986 ފަލަސްތީނުން ޝަހީދުވެ، 7،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މިއަހަރުގެ ޖުލައި މަހު ނެރުނު ޙުކުމެއްގައި، އިސްރާއީލުން ފަލަސްތީނު ސަރަޙައްދުތައް ވެރިވެގަނެގެން އުޅުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމްގައި ހުރި އެންމެހައި ސެޓްލްމަންޓްތަކުން ދިއުމަށް އަމުރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!