އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ފަށައިފި އެވެ.

މި ގޮތުން ޕީއެންސީގެ ލީޑަރޝިޕްގެ ވަފުދެއް ވަނީ ހދ. އަތޮޅަށްވެސް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ހިމެނެއެވެ. ފުރަތަމަ ހދ. އަތޮޅުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޕާޓީގެ ސްޓިއަރިންގް ކޮމިޓީއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމްކުރުމާއި، އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާއި، މެންބަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

Ad
rt

ޕީއެންސީގެ ނައިބު ޑެޕިއުޓީ ލީޑަރު އަދި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ރ. ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް މެންބަރުންނާ މަޝްވަރާކުރައްވާފައެވެ. އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ނ. ވެލިދޫގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވިއެވެ.

ޕީއެންސީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުން ފެށިގެން އެ ޕާޓީގެ ލީޑަރޝިޕްގެ ވަފުދުތައް ހދ. އަތޮޅުގެ އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާނެއެވެ. އަދި މިހާރު ވެސް ވަނީ އއ. ތޮއްޑޫއަށް ވަޑައިގެންފައެވެ.

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދުމަށް ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވެއެވެ. ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމާއި ކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.