މިއަދު ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވެފައިވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިތާމަފާޅުކުރަށްވައިފިއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ.

Ad
rt

މިހާދިސާއާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއްކަމަށް ވިދާޅުވެފައެވެ.

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެކަކު ހޯދައިފި

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިކަން ފާހަގަކުރަށްވައި ހާމިދު ނިޔާވީ ވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

’’މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރަމެވެ.’’ ރައީސް ވިދާޅުވެފަވެއެވެ.

މި ހާދިސާގައި ގެއްލުނީ ހާމިދުގެ އިތުރުން ބިދޭސީއެކެވެ. ބިދޭސީ މީހާ އަދިވެސް ނުފެނެއެވެ.