ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އެކަކު ހޯދައިފިއެވެ.
ކާށިދޫ ކަނޑަށް ބަންޑުން ޖަހާލާފައި ވަނީ ޅ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ސިވެކްގެ ލޭންޑިންގ ކްރާފްޓެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ވަނީ ހޯދާފައެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ.
އެ އުޅަނދު ބަންޑުން ޖަހާލައިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިކަމަށް އެ އިދާރާއިން ބުންޏެވެ.
”އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2ޢަލީ ޙާމިދު ވަނީ ހޯދާފައި، ވޮރަންޓް އޮފިސަރ 2ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައި’’ އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!