ކުޅުދުއްފުށި ސިޓީގައި ބާއްވާ އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން މި މުބާރާތަކީ ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އިންތިޒާމްކޮށްގެން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ބާއްވާ މުބާރާތެކެވެ.
މި މުބާރާތާއި ގުޅިގެން ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮތްފާހަގަ ހަދަންޖެހޭނީ ކަނޑައަޅާފައިވާ ވަގުތުގައި އާންމު ކުތުބްޚާނާގައިކަމަށާއި، ބައިވެރިންނަށް ފޮތްފާހަގަ ހެދުމަށް ބޭނުންވާ ތަކެތި ކުތުބުޚާނާއިން ފޯރުކޮށްދޭނެކަމަށެވެ. ނަމަވެސް، ބައިވެރިން ބޭނުންވާނަމަ އަމިއްލަ ތަކެތި ގެނައުމުގެ ފުރުޞަތު އޮންނާނެކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މި މުބާރާތުގެ ތީމުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކުޅުދުއްފުށި ސިޓީ" (ކުޅުދުއްފުށީގެ ވެށި، ތާރީޙް، ސަޤާފަތާއި އާދަކާދަ އަދި މަސައްކަތްތެރިކަމެވެ.
އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީ ކުތުބުޚާނާއިން އާންމުކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދިފައިވެއެވެ. އަދި މުބާރާތާއި ގުޅިގެން އިތުރު މައުޅޫމާތު ސާފުކުރަން ބޭނުންވާނަމަ 6527181 އަށް ގުޅުއްވައިގެން ނުވަތަ ކުޅުދުއްފުށީ އާންމު ކުތުބްޚާނާގެ އީމެއިލް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!