ޕާކިސްތާނުން ވަނީ އެމެރިކާގެ މައި ބިމަށް ވާސިލުވެވޭ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ހާމަކޮށްފި އެވެ.

ފޮރިން އެފެއާޒްގެ ރިޕޯޓުގައި އެމެރިކާގެ އިންޓެލިޖެންސް ވަސީލަތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޕާކިސްތާނުން އައިސީބީއެމްއެއް ތަރައްޤީކޮށްފި ނަމަ، އެމެރިކާއަށް އެ ޤައުމު ނިއުކްލިއަރ ވާދަވެރިއެއްގެ ގޮތުގައި ނޫން ގޮތަކަށް ޕާކިސްތާނާއި މެދު ކަންތައް ނުކުރެވޭނެއެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާއަށް އަމާޒުކުރެވޭ އައިސީބީއެމްތައް ހުރި އެއްވެސް ޤައުމަކީ އެމެރިކާގެ ރަހުމަތްތެރި ޤައުމެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

Ad
rt

ޕާކިސްތާނުން އަބަދުވެސް ބުނަމުން އައިސްފައިވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި އިންޑިއާ ދުރުކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިހާތަނަށް އެ ޤައުމުގެ ސިޔާސަތު ބިނާވެފައިވަނީ ކުރު އަދި މެދު ދުރުމިނަށް ދަތުރުކުރާ މިސައިލްތައް ތަރައްޤީކުރުމުގެ މައްޗަށެވެ.

އައިސީބީއެމްތަކަކީ ނިއުކްލިއަރ އަދި އާންމު ހަތިޔާރުތަކާއެކު ބޭނުންކުރެވޭ، 5،500 ކިލޯމީޓަރަށްވުރެ ދުރަށް އަމާޒު ހިފޭ މިސައިލްތަކެކެވެ. މިވަގުތު ޕާކިސްތާނުގައި އައިސީބީއެމްއެއް ނެތެވެ. 2022 ވަނަ އަހަރު ޕާކިސްތާނުން ވަނީ 2،700 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރެވޭ ޝަހީން-3 މިސައިލް ތަޖުރިބާކޮށްފައެވެ.

ޕާކިސްތާނުން އައިސީބީއެމްއެއް ތަރައްޤީކުރަން މަސައްކަތްކުރަނީ އެމެރިކާއިން އެ ޤައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމަށް ޕްރިވެންޓިވް ހަމަލާއެއް ދިނުން ހުއްޓުވުމަށާއި، އިންޑިއާއާ ދެމެދު ހަނގުރާމައެއް ހިނގައިފިނަމަ އެމެރިކާއިން އިންޑިއާގެ ފަރާތުން ބައިވެރިވުން ހުއްޓުވުމަށް ކަމަށް ބެލެވެއެވެ.

ގާތްގަނޑަކަށް 170 ނިއުކްލިއަރ ވޯހެޑް އޮތް ޕާކިސްތާނަކީ ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމާއި ނިއުކްލިއަރ ހަކަތަ އަމާން ބޭނުންތަކަށް ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގައި ސޮއިކޮށްފައިވާ ޤައުމެއް ނޫނެވެ.