ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް އެއްބާރުލުން ނުދޭތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކޭ ޕާކް ހަދަމުންދާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ އެ ކުންފުނީގެ ފަރާތުން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި މީގެކުރިން ގިނަ އަޑުއެހުންތަކަށް މަންޑޭ ހާޒިރެއް ނުވެ އެވެ.
މިއަދު އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މަންޑޭ ކޯޓަށް ހާޒިރުނުވާން މެޑިކަލް ލިޔުންތަކެއް ހުށަހެޅި ނަމަވެސް ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ފާހަގަނުވާ ކަމަށެވެ. އަދި ބަލި ކަމަށް ބުނެ ކޯޓަށް ހާޒިރުނުވާ ދުވަސްތަކުގައި ވެސް މަންޑޭ ގެއިން ބޭރުގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ، އޭނާ ޝަރީއަތަށް އެއްބާރުލުން ނުދޭތީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ އެންގެވި އެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.
އެ މައްސަލާގައި މަންޑޭގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!