ދިފާއުވުމަކީ ހަމައެކަނި އިސްރާއީލަށް އޮންނަ ހައްގެއްނޫން ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން އެ ގައުމާމެދު ބައިނަލްއަގްވާމީ މުޖުތަމައުން ފިއްތުން އިތުރުކޮށް ދަތިކުރަންޖެހޭކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފްރީ މެލޭޝިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އިސްރާއީލުން އެހެން ޤައުމުތަކުގެ މައްޗަށް ގަސްދުގައި ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރު އެޅުމަށް ދުނިޔެއަށް ގޮވާލައްވާފައެވެ.

Ad
rt

"އެމީހުން އީރާނުގެ ރައްޔިތުންނަށް ހަމަލާދީ މަރާލާއިރު، ހަމަ ޔަޤީނުންވެސް އޭގެ ޖަވާބު ދޭނެ. އަޅުގަނޑުމެންގެ މައުޤިފަކީ އިންސާފުވެރިކަން" އޭނާ ވިދާޅުވެފަވެއެވެ.

"އިސްރާއީލުން ޣައްޒާގައި މީހުން މެރުން ދަނީ ކުރިއަށް ގެންދަމުން، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ، މިހާރު އިސްރާއީލުން ވަނީ އީރާނަށް ހަމަލާދީފައި، އަދި އީރާނުން ވަނީ އެކަމަށް ޖަވާބުދޭން ނިންމާފައި، އެމެރިކާ ފަދަ ބޭރުގެ ބާރުތައް މިކަމުގައި ބައިވެރިވުމުން ހާލަތު ދަނީ އިތުރަށް ގޯސްވަމުން" ބޮޑުވަޒީރު އަންވަރު ވިދާޅުވެފަވެއެވެ.

އަންވަރު ވަނީ އީރާނަށް ޖަވާބުދިނުމުގެ ހުއްދަ ނުދޭއިރު، އިސްރާއީލަށް މިފަދަ ގޮތަކަށް ޢަމަލުކުރުމުގެ ހުއްދަ ދެނީ ކީއްވެގެންތޯ ސުވާލުކުރަށްވައި، އަމިއްލަ ދިފާއަކީ ހަމައެކަނި އިސްރާއީލަށް އޮންނަ ހައްގެއްނޫންކަމަށާއި، އީރާނަށް ވެސް އެ ހައްގު ލިބިގެންވާކަމަށް ވިދާޅުވެފައެވެ.

އަންވަރު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ މެލޭޝިއާގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙާޖީ ޙަސަން، އިސްލާމިކް ކޯޕަރޭޝަން ޖަމްޢިއްޔާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަންކާރާއަށް ކުރެއްވި ދަތުރުގެ ތެރެއިން އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވި ކަމަށް މެލޭޝިއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރުމަށްފަހުގައެވެ.