ނ.ކެނދިކުޅުދޫ ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް މިއަދު ހުޅުވާލައިފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިގޮތަށް ބިން ދޫކުރުމަށް ހުޅުވާލާފައިވަނީ އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކަމަށެވެ.

Ad
rt

ކައުންސިލުން މިކަމާ ގުޅޭގޮތުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ބީލަމުގައި ބައިވެރިވެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2013) އަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް ހިންގަމުންގެންދާ ސިޔާސީ ޕާޓީތަކަށެވެ.

ބިން ދޫކުރުމާ ގުޅޭ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް ވަނީ އާންމުކޮށްފައެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތް ސަރަހައްދު އަންގައިދޭ ޗާޓުވެސް ވަނީ ޝާއިޢުކޮށްފައެވެ.

އަދި ސިޔާސީ ޕާޓީތަކަށް ނ. ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުވެސް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. މި އުސޫލާއި އެހެނިހެން މަޢުލޫމާތު ކަރުދާސްތައް އެއްކަރުދާސްކޮށް، ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.