ސްރީލަންކާގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަލަހައްޓާ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް)ގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑުކޮށްފައިވާ އެތަންތަނުގައި ކިޔަވަން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. ވުމާއިއެކު މިވަގުތު އެ މަރުކަޒުތަކުގައި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭއަށް އީމެއިލް (recognition@mqa.gov.mv) މެދުވެރިކޮށް އެކަން އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިލައްވާފައެވެ.
ސަސްޕެންޑް ކޮށްފައިވާ ތަންތަނުގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނެއެވެ.
އެ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއިން ބޭރަށް ކިޔަވަންދާ ބައެއް ދަރިވަރުން އެމްކިޔުއޭއިން ހޯދަން ޖެހޭ މުހިންމު އެއް ލިޔުން ކަމަށްވާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެންޑެޑް ޕްރޮގްރާމް" ނުހޯދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން އެކިޔެވި މަރުކަޒަކީ އެމްކިޔުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން އުސޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭ ކަމަށް އެމްކިޔުއޭއިން ވަނީ ބުނެފައެވެ.
މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓް ތަކުން ނިކުންނަ ދަރިވަރުންގެ ތައުލީމީ ފެންވަރު ހަރުދަނާކުރުމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ދަށުން އެމްކިޔުއޭ އިން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!