ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.

Ad
rt

އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުالله ހަމީދެވެ.

އެހެން ނަމަވެސް އެ މައްސަލާގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ ޝަމްއާން ބަންދުކުރި އަމުރު ބާތިލްކުރަން ޖެހޭ ކަމަށެވެ.

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ ފޭރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ނުވަ އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.