ހދ. ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ހަނިމާދޫ ކައުންސިލާއެކު މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން މިއަދު ހަނިމާދޫ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މިއަދު ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ފުޑްސެކިއުރިޓީއަށް، ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއިގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރިކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.

ހަނިމާދޫ ކައުންސިލުން ވަނީ އެކަންކަން ކުރުމަށް ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތަށް ވަޒީރާއި ހިއްސާކުރައްވާފައި ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ހަނިމާދޫއަކީ އެ ވުޒާރާގެ ދަށުން ހިންގާ އެގްރިކަލްޗަރ ސެންޓަރެއް ހިންގަމުން އަންނަ ރަށެކެވެ.

ވަޒީރު މާރިޔާ ހއ. އަދި ހދ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އެރަށްރަށުގައި ކުރިޔަށްގެންދާ ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ބައްލަވައިލައްވައި، އިތުރަށް ކުރެވޭނެކަންކަން ބެއްލެވުމެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ 15 ޖޫން 2025 ގައި ފުޑް ސެކިއުރިޓީ ގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިމާއި ހަވާލުވެފައެވެ. މި މަޝްރޫޢު ހިންގަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ގއ. ކޮނޑޭ ގައެވެ.