ފީފާ ކްލަބް ވޯލްޑް ކަޕް ފެށި މެޗުގައި، އާޖެންޓީނާގެ ތަރި ލައޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީއާއި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ރޭ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.

Ad
rt

ފީފާއިން އިންތިޒާމް ކޮށްގެން މުޅިން އައު ފޯމެޓަކަށް ކުރިއަށް ގެންދާ ކްލަބް ވޯލްޑް ކަޕުގައި ޖުމްލަ 32 ޓީމް އަންނަނީ ވާދަކުރެއެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި އަލް އަހްލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ވެސް އަލް އަހްލީ އަށެވެ. އަލް އަހްލީއަށް ލީޑު ނަގައިދޭން ފުރަތަމަ ހާފުގައި، ލިބުނު ޕެނަލްޓީ އެ ޓީމްގެ ޓްރެޒެގޭ ފޮނުވާލި އިރު އިންޓަ މިއާމީގެ ކީޕަރު އޮސްކާ އުސްޓާރީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޓަ މަޔާމީން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން މަޔާމީގެ މެސީ މި މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލްކީޕަރު މުހައްމަދު އެލްޝަނާވީ ވަނީ ހުޝިޔާރުކަމާއެކު ހަމަލާތައް މަތަކޮށްފައެވެ. އަދި ފަހު ވަގުތު މެސީ ފޮނުވާލި ހަމަލާއެއް ވަނީ ޑިފްލެކްޓް ވެގެން ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފައެވެ.

މި މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެއެވެ. އެ މެޗުތަކަކީ:

ބަޔާން މިއުނިކް - އޮކްލޭންޑް ސިޓީ (21:00)

ޕީއެސްޖީ – އެތުލެޓިކޯ މެޑްރިޑް (00:00)

ޕޯޓޯ – ޕަލްމެއިރާސް (03:00)

ބޮޓަފޮގޯ – ސީޓްލްސް ސައުންޑްސް (05:00)