ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސާޖަރީ ޑިޕާޓްމަންޓުން އޭޕްރީލް މަހު ލެޕްރޮސްކޮޕިކް ޓްރާންސްއެބްޑޮމިނަލް ޕްރީޕެރިޓޮނިއަލް ރިޕެއަރ (ޓީއޭޕީޕީ) އެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެގޮތުން މި ސާޖަރީއަކީ ކަނާތްފަރާތުގެ އިންޑައިރެކްޓް އިންގުއިނަލް ހަރނިޔާއަށް ކުރެވުނު ސާޖަރީއެކެވެ. އަދި މި ސާޖަރީ ކުރިއަށް ގެންދިޔައީ ކޭއާރްއެޗްގެ ސާޖަރީ ޓީމުން އެކަނި ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޭއާރްއެޗުން ބުނެފައިވަނީ މި ސާޖަރީ އަކީ ހޮސްޕިޓަލަށް ވަރަށް މުހިންމު މަރުޙަލާއެއްކަމަށާއި މި ކާމިޔާބީގެ މައްޗަށް ބިނާކޮށް އެ ހޮސްޕިޓަލުގެ ސާޖިކަލް ފަރުވާ އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރާނެކަމަށެވެ.
މި ތާރީޚީ ސާޖަރީގެ ޓީމުގެ އިސްކޮށް މަސައްކަތްކުރެއްވީ ޑރ. ޝަރަދް ބަހާދުރު އަދިކާރީއެވެ. އަދި މީގެ އިތުރުން އެނެސްތީސިއޮލޮޖިސްޓުން، ސާޖަންއިން، މެޑިކަލް އޮފިސަރުން، ނަރުހުން އަދި މުޅި އޮޕަރޭޝަން ތިއޭޓަރުގެ މުވައްޒަފުން ހިމެނޭ ޚާއްޞަ ޓީމެއް މި މަސައްކަތުގައި ބައިވެރިވިއެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ހޮސްޕިޓަލުން މިފަދަ ހިދުމަތްތައް ތަކާއި ސާޖަރީތައް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ ބޭރަށް ދަތުރުކޮށްގެން ފަރުވާ ހޯދަންޖެހޭ މިންވަރު މަދުވެގެންދާނެ ކަމެއްކަމަށް ފާހަގަކޮށްލެވެއެވެ. އަދި ކޭއާރްއެޗްއިން ބުނީ މި ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ސާޖަރީތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!