ޓެލެގްރާމް މެދުވެރިކޮށް ދައުރުވަމުންދާ ނުރައްކާތެރި ފިޝިންގ ލިންކްތަކަކާ ގުޅޭގޮތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އެދިއްްޖެއެވެ.

Ad
rt

މިކަމާ ބެހޭގޮތުން ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިން ބުނީ، މި ލިންކްތަކަކީ އަމިއްލަ ފޮޓޯތަކާއި މަޢުލޫމާތު އެބަހުރިކަމަށް ކަމަށް ބުނެ މީހުންގެ އަމިއްލަ މަޢުލޫމާތު ހޯދުމަށް ސްކޭމަރުން ބޭނުންކުރަމުންދާ ވަސީލަތެއް ކަމަށެވެ. އަދި މިފަދަ ލިންކްތަކަށް ނުފިއްތުމަށާއި، އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އަދި ވަގުތުން ރިޕޯޓްކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އެއްވެސް ޒާތީ މަޢުލޫމާތެއް މިފަދަ ލިންކްތަކަށް ހިއްސާނުކުރުމަށްވެސް އަންގާފައިވެއެވެ. އެގޮތުން ފޯނު ނަންބަރު، އޯޓީޕީ ފަދަ މަޢުލޫމާތު ހިއްސާނުކުރަން އެދިފައިވެއެވެ.

މީގެ އިތުރުން މިފަދަ ލިންކެއް ލިބިއްޖެނަމަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެންމެހާ ރައްޔިތުންނަށް އަންގާފައިވެއެވެ. އަދި މި މަޢުލޫމާތު އާއިލާއާއި ރަހުމަތްތެރިންނާ ހިއްސާކުރުމަށްވެސް އެދިފައިވެއެވެ.

ސްކޭމް މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ޤާއިމްކޮށްފައިވެއެވެ. މި ސެންޓަރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނެއެވެ.

އެގޮތުން ފުލުހުންގެ ޚިދުތަމަތުން ބުނީ، ނެޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމް އާއި ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރެވޭނެކަމަށެވެ.