ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ހުށަހެޅި އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކުރާކަމަށް އޭނާ ބުނެފިއެވެ.

ހަނގުރާމަ ހުއްޓާލައި ގައިދީން ބަދަލުކުރުމާ ގުޅޭގޮތުން، އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅުއްވި އައުޓްލައިނަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، އޭނާގެ ކެބިނެޓްގެ ދެ ވަޒީރަކުވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

Ad
rt

އެމެރިކާގެ ހުށަހެޅުމަށް ނަތަންޔާހޫ ތާއީދުކުރާކަމަށް ބުނީ ، ޣައްޒާގައި ރަހީނުކޮށްފައިވާ އިސްރާއީލުގެ މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި ދެއްކި ވާހަކަތަކުގައި ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

"އިސްރާއީލުން ވިޓްކޮފްގެ އައު ހުށަހެޅުން ގަބޫލުކުރަން،" ނަތަންޔާހޫ ބުނި ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ޣައްޒާގައި ހަނގުރާމަ ހުއްޓާލައި ގައިދީން ބަދަލުކުރުމާ ގުޅޭ އައު ހުށަހެޅުމެއް މެދުވެރިންގެ ފަރާތުން ބުރާސްފަތި ދުވަހު ލިބިފައިވާކަން ހަމާސް ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެ ޖަމާއަތުން މި އައު ހުށަހެޅުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު މިދިޔަ ބުދަ ދުވަހު ހަމާސް އިން ބުނެފައިވަނީ ޣައްޒާގައި ދާއިމީ ހަނގުރާމަ ހުއްޓާލުމުގެ އާންމު އޮނިގަނޑަކާ ގުޅޭގޮތުން ވިޓްކޮފް އާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.