ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރަތުގެ 1 ވަނަ ހއ. އަތޮޅު އެޑިޔުކޭޝަން ސެންޓަރ (ހއ.އޭއީސީ) އިން ހޯދައިފިއެވެ.

މިއީ މި ސްކޫލް މި މުބާރާތުގެ 1 ވަނަ ޖެހިޖެހިން ހޯދި ތިން ވަނަ އަހަރެވެ.

Ad
rt

މި މެއި މަހު 24 އިން 28 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުޅި ޖުމްލަ 16 ސްކޫލަކުން 309 ދަރިވަރުން ވަނީ ވާދަކޮށްފަައެވެ.

އެގޮތުން މި މުބާރާތުގައި ވާދަކުރި ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މިދިޔަ ދެ އަހަރުގެ ކާމިޔާބުގެ ސްޓްރީކް ހިފަހައްޓައި، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގެ އެންމެ މޮޅު ސްކޫލުގެ ޝަރަފު ހޯދާފައެވެ.

ޖޫނިއާ ކެޓަގަރީން 750 ޕޮއިންޓާއެކު ހއ އަތޮޅު ތައުލީމީ މަރުކަޒުން އެއްވަނަ ހޯދާފައިވާއިރު 290 ޕޮއިންޓާއެކު ދެވަނަ ހޯދާފައިވަނީ އަފީފުއްދީން ސްކޫލެވެ. އަދި މި ކެޓަގަރީން ތިން ވަނަ 170 ޕޮއިންޓާއެކު 2 ސްކޫލަކުން ވަނީ ހޯދާފައެވެ. އެއީ ށ އަތޮޅު މަދަރުސާއާއި ހދ ނައިވާދޫ ސްކޫލެވެ.

މީގެ އިތުރުން ސީނިއާ ކެޓަގަރީން ވެސް 255 ޕޮއިންޓް ހޯދައިގެން އެއްވަނަ ހާސިލްކޮށްފައިވަނީ ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 85 ޕޮއިންޓާއެކު އަފީދުއްދީން ސްކޫލުން ދެވަނަ ހޯދާފައިވާއިރު ތިން ވަނަ ލިބިފައިވަނީ 50 ޕޮއިންޓާއެކު ހަނިމާދޫ ސްކޫލަށެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ކުޅުދުއްފުށީ ރައްމަތިފަންނު ސަރަހައްދުގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިއު އެވެ. އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައި މިނިސްޓަރ ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ސިންތަޓިކް ޓްރެކް އެއް ޤާއިމްކުރުމަށް މި ޖުލައި މަހު ޕްރޮޖެކްޓުގައި ސޮއި ކުރެވޭނެކަމަށެވެ.

މި އަހަރު ޖޫން މަހު އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. އެގޮތުން 2023 ވަނަ އަހަރު އެންމެ ފަހުން މި މުބާރާތް ކުޅުދުއްފުށީގައި ބޭއްވި އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލަތަކުން ބައިވެރިވެ، ވަރަށް ކުލަގަދަކޮށް މި މުބާރަތް ބާއްވާފައިވެއެވެ. އެހެންކަމުން މިފަދަ ސިންތެޓިކް ޓްރެކްއެއް ކުޅުދުއްފުށީގައި ޤާއިމްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ އާއި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް އަދި ނައިބު ރައީސްގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މަޖިލިސް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.