ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން މިއަދު ހެނދުނު އިފްތިތާޙުކޮށްފިއެވެ.
ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އާ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށެވެ. މި ޕްލޭންގައި ގިނަ މުހިންމު ބަދަލުތަކެއް ހިމެނެއެވެ.
އޭގެ ތެރޭގައި ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އެއްފަސްކުރުން ހިމެނެއެވެ. މިގޮތުން، މި ދެ ފޭސް އެއްފަސްކުރެވޭނީ މިހާރުގެ ފޭސް 1 އާއި 2 ގެ ދެމެދުގައިވާ ޗެނަލްއާ ހަމައަށެވެ. މީގެ ސަބަބުން އާންމު ޚިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގެ ބަނދަރު ތަރައްޤީކުރުމަށްވެސް މި ޕްލޭންގައި ހިމަނާފައިވާއިރު، މިހާރުގެ 36 ހެކްޓަރުގެ ބަނދަރު 53 ހެކްޓަރަށް މި ޕްލޭންގެ ދަށުން ބޮޑުކުރާނެއެވެ. މި ބަނދަރުގައި ޒަމާނީ ފެރީ ޓާމިނަލްއެއް، 316 ސްޕީޑްބޯޓަށް ޖާގަދެވޭ މެރީނާއެއް، އަދި 75 ސަފާރީ އަޅާ މެރީނާއެއް ހިމެނޭނެއެވެ.
މި އާ ޕްލޭންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވުމެވެ. ކުރީގެ ޕްލޭންގައި 131,000 ވަޒީފާ އޮތް އިރު، މި އާ ޕްލޭންގައި އިތުރު 93,000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ލަފާކުރެވެއެވެ.
މި އާ މާސްޓަރ ޕްލޭންގެ ސަބަބުން ހުޅުމާލޭގެ ތަރައްޤީ އިތުރަށް ހަލުވިވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!