ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު، އެ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ އަށް ދެއްވި މައުލޫމާތުގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވި ގޮތުގައި މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ އަހަރުގެ އޭޕްރިލް މަހު އެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް އީސީން ބުނެފައިވާއިރު، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އަދަދާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި ގުޅިގެން މުހިންމު އިސްލާހްތަކެއް ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރަށްވާފައެވެ.

މިގޮތުން ސިޓީ ކައުންސިލްތަކާއި ނުވަތަ އެއް ރަށެއްގައި، އެއް ފަސްގަނޑެއްގައި ގިނަ ދާއިރާތައް އޮންނަ ރަށްރަށުގައި ކައުންސިލްތައް، ދާއިރާތައް އިތުރުނުވާނެގޮތައް ކައުންސިލަރުންގެ އަދަދު ލިމިޓްކުމާއި، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިން ކައުންސިލަރުން، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭގޮތަށް ހެދުމާއި ޑަބްލިޔުޑީސީ ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް ރަށު ކައުންސިލްތަކެކޭ އެއްގޮތަށް ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިން މެމްބަރުން، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް މެމްބަރުން ތިބޭގޮތަށް ބަދަލުކުމާއި، އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ވެސް، ރަށު ކައުންސިލްގެ ރައީސް، ނޫނީ ރައީސާ ގޮތަށް، ސީދާ އިންތިޚާބުކުރާ މީހަކަށްވާގޮތަށް ބަދަލުކުރުމަކީ ވެސް ރައީސްގެ ވިސްނުންފުޅެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ވެސް ރައީސްގެ ވިސްނުންފުޅެވެ.

މި ބަދަލުތައް ލާމަރުކަޒީ ގާނޫނުނަށް ގެނައުމަށް މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު އަންނަ ދައުރު ޖޫން 1 ގައި ފަށާނެއެވެ.