މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ރައުދު ވަނީ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ސަބަބެއް އޮތީ ސާފުނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަލުން އަނެއްކާ ވެސް ރައުދު މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ޔުމްނުގެ މަރުގެ މައްސަލާގައި، އޭނާއާއެކު އެންމެފަހުން އުޅުނު ކަމަށް ބެލެވޭ ރައުދު ހައްޔަރުކޮށް، އޭނާގެ ބަންދު މުއްދަތު ތިން ފަހަރަށް އިތުރުކުރެވުނެވެ. މިއަދު ހެނދުނު އޭނާ ބަންދުން ދޫކޮށްލީ އެންމެ ފަހުން ކްރިމިނަލް ކޯޓުން އިތުރުކުރި 20 ދުވަސް ހަމަނުވަނީހެންނެވެ.
ރައުދުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!