މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ޔުމްނުގެ މައްސަލާގައި, އޭނާއާއެކު އެންމެފަހުން އުޅުނު ރައުދު ހައްޔަރުކޮށް, އޭނާގެ ބަންދު މުއްދަތު ތިން ފަހަރަށް އިތުރުކުރި އެވެ.

Ad
rt

އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން އިތުރުކުރި 20 ދުވަސް ހަމަނުވަނީހެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.

ރައުދު ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރ ހައި ކޯޓުގައި ތާވަލުކޮށްފައި އޮތެވެ. ނަމަވެސް، އެ މައްސަލަ ބާތިލްކޮށް ހައި ކޯޓުން މިއަދު ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފު މައްސަލަ އަނބުރާ ގެންދަން ރައުދުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ނަމަވެސް، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.