"ތި ބުނި އެއްޗަކާ މެދު ފަހުން ވިސްނާލައްޗޭ. މަށަކީ މޮޔައެއް ނޫންކަން އަހަރެން ދައްކާނަން." ރިލްވާން ބާރަށް ގޮވާލިއެވެ.
ރިލްވާންގެ އަޑު އިވޭ ކަމަށް ވެސް ނަހަދާ މަރިޔަމް ދިޔައެވެ.
ދެ ކުދިން ގޮވައިގެން ގެއަށް ވަދެވަދެ ހުއްޓާ، ހައްވައްތަ ވަރަށް ބާރަށް މަރިޔަމްއަށް ގޮވާލިއެވެ. އެއާއެކު މަރިޔަމް ހުއްޓުނެވެ. އޭރު ފަހަތުން އައިސް ހައްވައްތަ އޭނާއާ އަރާ ހަމަކޮށްފިއެވެ.
" އަހަރެން ބުނީމެއްނު، އަހަރެން ހުރެދާނަމޭ އެއްޗެއް ނުކިޔާ. އެކަމަކު އެހެން މީހުންގެ އަނގަޔަކު އަހަންނަކަށް ނުހިފެހެއްޓޭނެ ދޯ." ހައްވައްތަ ބުންޏެވެ.
އެ ޖުމްލައިން މަރިޔަމްއަށް ލިބުނީ ހައިރާންކަމެވެ. އަދި އިންތިހާއަށް އޭނާ ހާސްވާން ފެށިއެވެ.
" މި އަންނަނީ. މަޑުކުރައްޗޭ." މަރިޔަމް ބުންޏެވެ.
އޭނާ އަވަސް އަވަހަށް ގެއަށް ވަދެ، ކުޅޭ ކުނާ މަތީ ސާޔާ އާއި ހާނިމް ބޭތިއްބުމަށްފަހު ނިކުތެވެ.
" ކިހިނެއްވީ ހައްވައްތާ؟" ހާސްވެ ހުރެ މަރިޔަމް ސުވާލު ކުރީ ދޮރުމަތީ ހުރި ހައްވައާއެވެ.
" ވީ ކީއްކަން އެނގޭނީ މަރިޔަނަށް. މި ރަތްގަދަ އަވީގައި ބަނދަރުމަތީގައި ރިލްވާންއާ ބައްދަލް ކުރީމަ ކިހާ ބަޔަކަށް ފެންނާނެ. އެ ކަހަލަ މަތީ މީހުން ކޮންމެ ރަށަކަށް އަޔަސް އުޅޭނީ އެހެން. ދާ ކޮންމެ ރަށަކުން އަންހެނަކު ހޯދާނެ. ހައްވައްތަ ހިއެއް ނުކުރަން މަރިޔަން ތިހެން އުޅެފާނެ ކަމަކަށް." ހައްވަ ވާހަކަ އެއް ނުހުއްޓިއެވެ.
" ހައްވައްތާ... އަހަރެން އޭނައާ ބައްދަލް ކުރާކަށް ނުދަމޭ. އަހަރެން ދިޔައީ ސާމިހް ކިޔަވަން ގެންދަން. ރިލްވާން މަގޭ ފަހަތުން އައިސް މަ ހުއްޓުވީ. " މަރިޔަމް އަވަސް އަވަހަށް ބުންޏެވެ.
" އަހަންނަކަށް މިހާރު ތެދެއް ދޮގެއް ނޭނގެ. ބުނި މީހާ ބުނީ މަރިޔަމް ބުނެގެން ރިލްވާން އެ ތަނަށް ދިޔަ ކަމަށް. މީގެ ކުރިން އެ ގަޑީގައި ދުވަހަކު ވެސް މަރިޔަމް ބަނދަރުން ނުފެންނަ ވާހަކަ ވެސް އޭނަ ބުނި. " ހައްވައްތަ ބުންޏެވެ.
އެއާއެކު މަރިޔަމްއަށް ރޮވިއްޖެއެވެ. އޭނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ދޮރުކަނީގައި ލެނގިލުމަށްފަހު މަރިޔަމް ގިސްލާން ފެށިއެވެ.
" ހައްވައްތަ އަހަންނަށް އިތުބާރު ނުކުރީތީ އަހަރެން ވަރަށް ދެރަވެއްޖެ. އެކަމަކު ވެސް އަހަރެން މި ބުނަނީ ހަމަ ތެދެއް. އަހަރެން ރިލްވާންއަށް އިންޒާރު ވެސް ދިނިން. އަހަރެންގެ ފަހަތުން އުޅުން ހުއްޓާލާށޭ ކިޔާ އާދޭސް ކުރިން. " މަރިޔަމް ވާހަކަ ދެއްކީ ރޮމުންނެވެ.
" މާދަމާ މާލެ ދާން ބޯޓު ފުރާނެ. ހަސަނާ ހަމައަށް ތި ހަބަރު ދާނެ ހެން ހީވަނީ. ބޯޓުގައި އުޅޭ މީހުން މިއަދު އެ އުޅެނީ ދަތުރު ހަދަން ބަނދަރުމަތީ. " ރުންކުރު ގޮތަކަށް ހައްވަ ބުންޏެވެ.
" ހަސަން ގަބޫލެއް ނުކުރާނެ. ހަސަންއަށް އެނގޭނެ އަހަރެން އެވަރުގެ ނުބައި ކަމެއް ނުކުރާނެކަން. މި ރަށު އެންމެން އަހަންނޭ ކިޔައިގެން ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އަހަންނަށް އެއްވެސް ފަރުވާލެއް ނެތް. ހަސަން އަހަންނަށް އިތުބާރު ކުރާނެކަން އަހަންނަށް ކަށަވަރު. " މަރިޔަމް ބުނެލިއެވެ.
" ތިހެން ތި ކަން ވިއްޔާ ކިތަންމެހާ ވެސް ރަނގަޅު. " ހައްވަ ބުނެލިއެވެ.
ފާނަކޮއްޓަށް ދާން ތައްޔާރު ވެގެން ހަސަންއަށް ނިކުމެވުނީ ޝަބްނަމްގެ ކުރިމައްޗަށެވެ. އެއާއެކު ހަސަންގެ ދެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ހިނިތުންވެފައި ހުރި ޝަބްނަމް ހުރީ ހަސަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ރައްދުގައި ހީލަން ވެސް ހަސަންއަކަށް ނުކެރުނެވެ.
" ގޭގަ ނެތް އެއްވެސް މީހަކު. " ޝަބްނަމް ބުނެލިއެވެ.
" ވަރަށް ލަސްވެގެން މި ދަނީ ފާނަ ކޮއްޓަށް ދާން." ހަސަން އަވަސް އަވަހަށް ބުނެލިއެވެ.
" އަޅުގަނޑަށް ވުރެ ވެސް މުހިއްމުތަ؟" ޝަބްނަމް އެހެން ބުނެ ހަސަންއާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.
ހަސަންއަށް އަވަސް އަވަހަށް ދުރަށް ބަލައިލެވުނެވެ.
" ހުރިހާ ކަމެއް އެނގޭ އިރު، ޝަބްނަމް ކީއްވެ ތިހެން ތި އުޅެނީ؟ އަހަރެންގެ އަނތްބަކާ ތިން ކުދިން ތިބޭކަން އެނގެއެއްނު. އަހަރެން ކިހިނެއް އެ މީހުން ދޫކޮށްލާނީ؟" ހަސަން ބުނެލިއެވެ.
އެއާއެކު ޝަބްނަމް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
" މި ގެއަށް ގެންނާނީ. އަޅުގަނޑުގެ އެއްޗެއްސަކީ ހަމަ ހަސަންއާ ހަސަންގެ އާއިލާގެ އެއްޗެއްސޭ. އަޅުގަނޑު އުޅޭ ތަނެއްގައި އެ މީހުންނަށް ވެސް އުޅެވޭނެޔޭ. ހުރިހާ ކަމަކަށް ވެސް އަޅުގަނޑު ރުހެމޭ. މި ކައިވެނި ކުރުމަކުން ހަސަންގެ އަނބިމީހާއަށް އެއްވެސް ނިކަމެތިކަމެއް ނުލިބޭނެ. އަޅުގަނޑު ބޭނުންވަނީ ހަމައެކަނި ހަސަން. ހަސަންގެ ލޯބި." ޝަބްނަމް އެހެން ބުނެ، ހަސަންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ.
ހަސަންއަށް އަވަސް އަވަހަށް ޝަބްނަމްއާ ދުރަށް ޖެހިލެވުނެވެ. އެއާއެކު ޝަބްނަމްގެ މޫނުމަތީގައިވާ އުފާވެރިކަން، ނުތަނަވަސްކަމަށް ބަދަލުވެގެން ދިޔައެވެ.
" ކިހިނެއްވީ؟ އަޅުގަނޑާމެދު ނުރުހުންވަނީތަ؟" ޝަބްނަމް އެހިއެވެ.
" އަހަރެން އަދި ވިސްނާލަން ބޭނުން. " ހަސަން އެހެން ބުނެ ބާރު ބާރަށް ނިކުމެއްޖެއެވެ.
ހަސަންގެ ފަހަތުން ޝަބްނަމް ހިނގައިގެން ނަމަވެސް އޭނާ ތަންކޮޅަކަށް ގޮސް ހުއްޓުނީ އިތުރަށް ހަސަންއަށް އުނދަގޫ ކުރަން ބޭނުން ނުވާތީއެވެ.
ރޭ ދަންވެ، ހަމަހިމޭން ވެއްޖެއެވެ. ފަންކަލުގެ ބޫން އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް ގޭތެރެއަކުން ނީވެއެވެ. އެނދުގައި ފުރޮޅިފުރޮޅި އޮތް މަރިޔަމްއަށް ނިދޭ ގޮތެއް ނުވިއެވެ. ސިކުނޑިއަށް ގިނަ ވަމުން ދާ ހިޔާލްތަކުން މަރިޔަމްއަކަށް މިންޖެއް ނުވެވުނެވެ. ނުބައި ޒާތްޒާތުގެ ހިޔާލްތަކުން މަރިޔަމް ފިކުރު ބޮޑުވަމުން ދެއެވެ. އެންމެ ފަހުން ނޯވެވިގެން އޭނާ ތެދުވެގެން ސިޓިންރޫމްއަށް ނިކުމެއްޖެއެވެ. ސަރަންފީގައި އިށީނދެ އިން އިރު ވެސް އޭނާގެ ވިސްނުންތަކަކަށް ބަދަލެއް ނައެވެ.
ހެނދުނުގެ ވަގުތެވެ. ތެދުވެގެން ހަސަން ކާގެއަށް ދިޔައިރު މިއަދު ރަޝީދުގެ ދެމަފިރިންގެ އިތުރުން ޝަބްނަމް ވެސް އިނެވެ. މީގެ ކުރިން ހެނދުނު ސައިބޯން ޝަބްނަމް ތެދުވާތަނެއް އޭނާއަކަށް ނުފެނެއެވެ.
"ކީއްވެ ތި ހުރީ؟ އާދޭ ސައިބޯން." ރަޝީދު ގޮވާލި އަޑަށް ހަސަން ދިޔައީ ސިހިގެންނެވެ.
ހުސްކޮށް ހުރި ގޮނޑިއަކީ ޝަބްނަމްއާ ޖެހިގެން ހުރި ގޮނޑިކަމުން ހަސަން ހުރީ އެ ތަނަށް ދާ ހިތް ނުވެފައެވެ. ނަމަވެސް ރަޝީދުގެ ކުރިމަތީގައި އޭނާ ހުންނަން ޖެހެނީ " ކުޑަ " ވެފައިކަން ހުދު ހަސަންއަށް ވެސް ގަބޫލު ކުރެވުނެވެ.
ލަސް ފިޔަވަޅުތަކެއްގައި ގޮސް ހަސަން އިށީނުމާއެކު ޝަބްނަމް ވަގު ލޮލަކުން ހަސަންއަށް ބަލައިލިއެވެ. ހަސަންއަށް ވެސް ލޮލުގެ ހިމަ ކޮޅުން ޝަބްނަމްއާ ދިމާލަށް ބަލައިލެވުނެވެ.
"ފާނަކޮށީގެ މަސައްކަތް ނިމިއްޖެއެއްނު ދޯ. އެހެންވީމަ ގުރައިދޫ ފަޅަށް ކޮށި ގެންދަން މި ވިސްނަނީ. " ރަޝީދު ބުންޏެވެ.
އެ ހަބަރަކީ ހަސަންއަށް ލިބުނު ވަރަށް އުފާވެރި ހަބަރަކަށް ވެއްޖެއެވެ. އަވަަހަށް އެ ގެއިން ނިކުމެވޭ ގޮތް ވީތާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ އަވަސް އަަވަހަށް ބޯ ޖަހާލީ ފުޅާ ހިނިތުންވުމަކާ އެކުއެވެ.
"ކޮއްތު އަރުވައިގެން ނައްޓާލަން ވީ ދޯ؟" ހަސަން އަވަސް އަަވަހަށް ބުންޏެވެ.
"އާނ. މިއަދު ހަވީރު ފުރާ ގޮތަށް ހަމަޖައްސައިފިން." ރަޝީދު ބުނެލިއެވެ.
އޭރު ހަސަންގެ ހިތް އުފަލުން ފޮޅެން ފަށައިފިއެވެ. ޝަބްނަމްގެ ކިބައިން ސަލާމަތްވެވޭނެކަން އޭނާއަށް އެ ވަގުތު ޔަގީން ކުރެވުނެވެ.
"އެކަމަކު ހަސަން ދާނެ ކަމެއް ނެތް. ހަސަންއަށް މާ ރަނގަޅު ކަމެއް އަހަރެން ދައްކާނަން." ރަޝީދު ބުންޏެވެ.
ކުއްލިއަކަށް ރަޝީދު އެހެން ބުނުމުން ހަސަންއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަތުގައި އޮތް ރޮށި ވެސް އޭނާއަށް ތަށީގައި ބޭއްވުނީ ލިބުނު ކުއްލި ސިހުމަކުންނެވެ. އޭރު ވެސް ރަޝީދު ދިޔައީ ހަމަޖެހިލައިގެން ކަމުންނެވެ.
"އަހަރެންގެ ފިހާރައިގެ މަސައްކަތްތައް ހަސަންއާ ހަވާލު ކުރަން އަހަރެން ބޭނުމީ. އިތުބާރު ކުރެވޭ މީހަކާ ހަވާލު ކުރީމަ އަހަންނަށް ވެސް ހިތަށް ފަސޭހަ ވާނީ. އަނެއްކާ، ހަސަން މި ގޭގައި ހުންނަންޏާ އަހަންނަށް ހިސާބު ބަލަހައްޓަން ވެސް ފަސޭހަ ވާނެތާ." ރަޝީދު ބުންޏެވެ.
އެ ވަގުތު ހަސަންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަސަންއަށް ފެނުނީ އޭރު ޒުހޭރާ އާއި ޝަބްނަމް އަނގައިން ބަހެއް ބުނުމެއް ނެތި ލަސްލަހުން ކަމުން ދާ ތަނެވެ. ހީވާ ގޮތުން އެންމެން ރާވައިގެން އޭނާ މަޑުކުރުވީއެވެ. ހަސަންގެ ހިތެއް އެކަމަކަށް އެއްބަހެއް ނުވިއެވެ. ނަމަވެސް ހަސަނެކޭ ރަޝީދުގެ ކޮންޓްރޯލްގެ ދަށުގައިވާ ރޮބަޓެކޭ އެއްފަދައެވެ. ރަޝީދު ބުނާ ކޮންމެ ކަމަކަށް ހަސަން ރުހެން ޖެހެއެވެ. ހިތް އިންކާރު ކުރިޔަސް، އޭނާގެ ނަފްސު އެކަމަށް މަޖުބޫރު ކުރުވައެވެ.
"ކީކޭ މި ކަމާ ހަސަން ބުނަނީ؟" ރަޝީދު އެހިއެވެ.
އެއާއެކު ހަސަންއަށް ހިންދިރުވާލެވުނެވެ. ރަޝީދު ބަލައިލި ވަގުތު ހަސަން ނުކައި އިނުމުން ރަޝީދުއަށް ހަސަންގެ ތައްޓަށް ނަޒަރު ހުއްޓައިލެވުނެވެ.
"ނުކައި ތި އިނީ ކީއްވެ؟ ކާން ފަށާ." އޯގާތެރި ރާގެއްގައި ރަޝީދު ބުނެލިއެވެ.
އެއާއެކު ހަސަން އަވަސް އަވަހަށް ފެންތަށި ބޯލިއެވެ.
"ފާނަކޮށީގައި އުޅުމަށް ވުރެ މާ ލުއި ވާނެ ފިހާރައިގެ ކަންތައްތައް ކުރަން. " އަނެއްކާ ވެސް ރަޝީދު އެ މައުޟޫއަށް ދިޔައެވެ.
"އަހަރެން... ރަށަށް ގޮސްލަން ބޭނުން. މީހަކު ބުނި މިއަދު ރަށު ދޯނި ވެސް އަންނާނެޔޭ. ކުދިންކޮޅު ނުފެންނަތާ ގިނަ ދުވަސް ވެއްޖެ. އެ ކުދިން ދެކިލަން ދާން ވަރަށް ބޭނުން. ފާނަކޮށި ނިމެންދެން މި މަޑުކޮށްލީ." ހަސަން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
އޭރު ޝަބްނަމްގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރު ބަލަން ޒުހޭރާ އިނެވެ. ޝަބްނަމް އިނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަން އޭނާއަށް އިނގުނެވެ. ރަޝީދު ވެސް ސިއްރުސިއްރުން ޝަބްނަމްއަށް ބަލައިލިއެވެ.
"އެހެންވީމަ ދޯން ރަށަށް ގޮސް، ހަމަ އެ ދޯން އާދޭ." ރަޝީދު ބުންޏެވެ.
އެއާއެކު ޝަބްނަމް ކުއްލި އަކަށް ތެދުވެއްޖެއެވެ. އަދި ނިކުމެގެން ދިޔައީ ސައިތަށި ވެސް ހުސް ނުކޮށެވެ.
ހަސަން އޭރު ވެސް އިނީ އިސްޖަހައިގެންނެވެ.
ކިތަންމެ ހޫނު ބާރުވިޔަސް، ހަސަން ދޯނި ކައިރިއަށް ދިޔައީ އޭނާ އެ ދޯނިން ދާނެ ވާހަކަ ދޯނި ކައްޕި ކައިރީ ބުނެލާށެވެ. ރަށު މީހުން ފެނުނަސް އޭނާގެ ހިތަށް އުފާވެރިކަން ލިބެއެވެ. ހަސަން ދޯންޏަށް އެރުމަށްފަހު، ހިޔާގަނޑުގައި އިށީނެވެ. އޭރު ދެ ތިން ފަޅުވެރިޔަކު ދުފަން ތިއްބެވެ.
"އަހަންމަދާ ބޭބޭ. މި ދަތުރު އަހަރެން ރަށަށް ދާނަން އިނގޭ." ހަސަން ބުންޏެވެ.
އެއާއެކު އަހަންމަދާ ޖަހާލީ ބޮޑު ހިނިގަނޑެކެވެ. ދުފާ ރަތްކޮށްފައި ހުރުމުގެ ސަބަބުން އޭނާގެ އަނގައިން ކޮންމެވެސް ވަރަށް ރަތް ކުޅު ބުރައިގެން ދިޔަތަން ވެސް ހަސަނަށް ފެނުނެވެ.
"އެކޮއި ރަށަށް ދިޔުމުގެ މާ ބޮޑު ބޭނުމެއް ނެތޭ މިހާރަކު." އަހަންމަދާ ބުނެލިއެވެ.
އެއާއެކު ހަސަންއަށް ވެސް ހެވިއްޖެއެވެ. ދުފާ ދަޅުން ކަރަންފުލެއް ނަގަމުން ސަބަބަކީ ކޮބައިތޯ ހަސަން އެހިއެވެ.
"ދަރިން ތިއްބަސް، ދާނެ މީހަކު ދާނެ. " މި ފަހަރު އަހަންމަދާ ބުނެލި ވާހަކައިން ހަސަންއަށް ލިބުނީ ހައިރާންކަމެވެ.
"ތި ބުނީ؟ " ހަސަން އަނެއްކާ ވެސް އެހިއެވެ.
"މި ބުނީ އެކޮއިގެ މަރިޔަނބު ގަނޑެއް ގަންނަ ވާހަކައެއް އިވިގެން." އަހަންމަދާ ބުނެލިއެވެ.
"އޭނ؟ މަރިޔަނޭ؟ " ހަސަންއަށް ބުނެލެވުނެވެ.
"އާނ. އަހަރެމެން ވެސް ދުށިން އެ ދޫނި ޖޯޑު ބަނދަރުމަތިން. " އަހަންމަދާ ހެމުން ހެމުން ބުންޏެވެ.
"ކަލޯ. އަތޮޅު އޮފީހުން ރަށަށް އައި ސޮރެއް މަރިޔަނބާ އަޅައިގަނެގެން ތި ގޭ ދޮށަށް ވެސް ދާ ވާހަކަ އަޑު އެހިން. ދެން ރަށަށް ދާނެ ކަމެއް ނެތް. އެކަން އެ ދަނީ ބާރަށް ކުރިއަށް." ޖެހިގެން އިން މީހާ ބުނެލިއެވެ.
އެއާއެކު ހަސަންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެ އުމުރުގެ މީހުން ދޮގު ވާހަކަތަކެއް ފަތުރާނެބާއޭ ހިތާހިތާ ސުވާލު ކުރެވުނެވެ. ނަމަވެސް މަރިޔަމްއަކީ ދުވަހަކު ވެސް އެހެން އުޅުނު ކުއްޖެއް ނޫންކަން ހަސަންއަށް ހަމަ ރަނގަޅަށް އެނގެއެވެ.
"ތި ކަމުގައި ކޮންމެވެސް އެހެން ކަމެއް އޮންނާނެ. ބޭބެމެން ވެސް ހަގީގަތް ނޭނގެންޏާ މީހުންގެ އަބުރު ކަތިލަމުން ވާހަކަ ނުދައްކާ. އަހަރެން، މަރިޔަންއަށް ވަރަށް އިތުބާރު ކުރަން." ހަސަން ބުނެލިއެވެ.
"އިތުބާރުކޮށްގެން ހުއްޓާ، ބޭބެގެ ހާޖަރާ ވެސް ވަރިވެގެން ގޮސް އެހެން މީހަކާ އިނދެގެން އެ އުޅެނީ. މިއަދު ބޭބެ މި ހުރީ އެކަނިވެފަ. " އަހަންމަދާ ބުނެލިއެވެ.
އިތުރަށް އެ ވާހަކަ ދައްކާކަށް ހަސަން ބޭނުމެއް ނުވިއެވެ. ނަމަވެސް ހިތަށް ލިބުނު އުނދަގޫ އިންތިހާއަށް ދިޔައީ އިތުރު ވަމުންނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ. (ވާހަކަލިޔުންތެރިޔާގެ ޢާއިލީ ބައެއް ސަބަބުތަކާހުރެ ކަނޑައެޅިފައިވާ ދުވަހަށް ވާހަކަ ނުގެނެސްދެވޭކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!