ގުއަންޓަނާމޯ ބޭ ޖަލުގައި ބަންދުކުރެވޭ ހިޖުރަވެރިންނަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވާކަމަށް އެމެރިކާގެ ސެނެޓަރެއް ބުނެފިއެވެ.
އެމެރިކާގެ ސެނެޓަރ ގެރީ ޕީޓަރސް ބުނީ މިއީ ޓްރަމްޕް ސަރުކާރުގެ ފައިސާ އިސްރާފުކުރުމުގެ ބޮޑު މިސާލެއް ކަމަށެވެ.
ސެނެޓް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރމެންޓަލް އެފެއާޒް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ޕީޓަރސް، އަންގާރަ ދުވަހު ބޭއްވުނު އަޑުއެހުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމްއާ ސުވާލުކުރެއްވިއެވެ. އެމެރިކާގެ އިމިގްރޭޝަން ބަންދު މަރުކަޒުތަކުގައި މީހަކަށް ދުވާލަކަށް 165 ޑޮލަރު ޚަރަދުވާއިރު، ގުއަންޓަނާމޯގައި މިހާ ބޮޑު އަދަދެއް ޚަރަދުވަނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ.
"އަޅުގަނޑުމެން ގުއަންޓަނާމޯގައި މީހަކު ބޭތިއްބުމަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުކުރަނީ. އެތާ ކުޑަ ދުވަސްކޮޅަކަށް ބޭތިއްބުމަށްފަހު އަނެއްކާ އެމެރިކާއަށް ގެނެސް، ނޫނީ މިތާ 165 ޑޮލަރަށް ބޭތިއްބިދާނެ. މިއީ ވަރަށް ބޮޑު އިސްރާފެއް،" ޕީޓަރސް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ ސަރުކާރުން ގިނަ އަދަދެއްގެ ހިޖުރަވެރިން ޤައުމުން ބޭރުކުރުމަށް މަސައްކަތްކުރަމުންދާއިރު، އިމިގްރޭޝަން ތަންފީޒުކުރުމަށް ބޮޑު އަދަދެއްގެ ފައިސާ އިތުރުކުރުމަށް އެދިފައިވެއެވެ. އޮކްޓޯބަރު 1 ގައި ފެށޭ 2026 ވަނަ އަހަރުގެ ބަޖެޓު ބަހުސްގައި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓަށް އިތުރު 44 ބިލިއަން ޑޮލަރު ހޯދުމަށް ކޮންގްރެސްގައި އެދިފައިވެއެވެ.
ކޮމިޓީގެ ކުރިމަތީގައި ހާޒިރުވެ ވާހަކަދެއްކެވި ސެކްރެޓަރީ ނޯއެމް، ގުއަންޓަނާމޯގައި ހިޖުރަވެރިން ބޭތިއްބުމަށް ދުވާލަކަށް ޚަރަދުވާ މިންވަރު ނޭނގޭކަމަށް ވިދާޅުވިއެވެ.
ކިއުބާގެ ގުއަންޓަނާމޯ ބޭގައި ހުންނަ އެމެރިކާގެ ކަނޑުގެ ބޭސްގައި ހުންނަ މިޖަލު ހުޅުވުނީ 2002 ވަނަ އަހަރުގައެވެ. މިއީ ސެޕްޓެމްބަރ 11 ގެ ހަމަލާއަށްފަހު އެމެރިކާގެ "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ" ގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމަށް ހެދި ޖަލެކެވެ.
އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، ޤާނޫނީ ހަމަތަކާ ޚިލާފަށް މީހުން ބަންދުކުރުމުގެ ތުހުމަތުތައް އޮންނަ މިޖަލާ މެދު ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ބޮޑަށް ފާޑުކިޔެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!