ކުރީގެ އަދަދާއި ގުޅޭ:

ރަޝީދު ނިކުމެގެން ގޮސް ހަސަންގެ ކޮޓަރި ކައިރީ ހުއްޓުނެވެ. އަދި ކުޑަކޮށް ވިސްނާލުމަށްފަހު އޭނާ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވުމާއެކު ރަޝީދު އެތެރެއަށް ވަނެވެ. ރަޝީދު އެ އައީ ކޮން ބޭނުމަކު ކަން ހަސަންއަށް މިހާރު އެނގެއެވެ. ނަމަވެސް ރަޝީދު ވާހަކަ ފަށަން ދެން އޭނާ މަޑު ކުރިއެވެ.

Ad
rt

" ހަސަންގެ މޫނުމަތިން ތި ފެންނަ ނުތަނަވަސް ކަމުގެ ސަބަބަކީ އަހަރެންގެ ދަރިފުޅު ކަމުގައި ވާނަމަ އަހަރެން ހަސަންގެ ކިބައިން މައާފަށް އެދެން." ރަޝީދު ބުނެލިއެވެ.

އެއާއެކު ހަސަންއަށް އިސްޖަހާލެވުނެވެ. ރަޝީދަކީ އޭނާގެ ސާހިބު މީހާއެވެ. އޭނާ، ހަސަންގެ ކިބައިން މައާފަށް އެދުމުން ހަސަން ހުރީ އިންތިހާއަށް ލަދުގެންފައެވެ. މިހާރު ހަސަން އެންމެ އިހްތިރާމް ކުރާ މީހަކީ ވެސް ހަމަ ރަޝީދެވެ. ފައިސާ ހޯދާނެ ގޮތެއް މަގު ފަހި ވީ ރަޝީދުގެ ފަރާތުންނެވެ. އެހެންވެ، އެ ދޮރު ބަންދުވާކަށް ފަހަރެއްގައި ވެސް ހަސަން ބޭނުމެއް ނުވެއެވެ. އެ ދޮރު ބަންދު ވެއްޖެ ނަމަ އަނބިދަރިން ބަލަހައްޓާނެ ގޮތެއް ހުދު ހަސަނަކަށް ވެސް ނޭނގެއެވެ.

އެ ފަދަ ހިޔާލްތަކެއްގައި ހުއްޓާ، ރަޝީދު ހަސަންއަށް ގޮވާލި އަޑަށް އޭނާ ސިހުނެވެ.

" އަހަންނަށް އެނގޭ ހަސަން ވަރަށް ވިސްނާނެކަން. ހަމަ އެ ގޮތަށް އަހަރެން ވެސް ވަރަށް ވިސްނައިފިން." ރަޝީދު ބުންޏެވެ.

ދެ އަތް ފުރަގަހަށް ލައިގެން ހުރެ ރަޝީދު މައްޗަށް މޫނު އުފުލައިލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. އޭރު ހަސަން ހުރީ ރަޝީދަށް ބަލަހައްޓައިގެންނެވެ.

" އަހަރެންގެ ދަރިފުޅު ހަސަންއާ ކައިވެނި ކުރަން ވަރަށް ބޭނުން." ރަޝީދުގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު ހަސަން ތެޅިގެންފިއެވެ. އެ ވަގުތު ހަމަޖެހުމަށް އެދި ރަޝީދު އަތުން އިޝާރާތް ކޮއްލިއެވެ.

" އެނގެޔޭ. އެނގެޔޭ ހަސަންގެ އަނތްބަކާ ތިން ކުދިން ތިބިކަން. ޝަބްނަމްއަށް ވެސް އެނގެއެއްނު އެކަން. އެކަމަކު ވެސް އޭނަ އެކަމާ އެއްވެސް ފަރުވާލެއް ނެތޭ. އެ ދަރިފުޅު ބޭނުންވަނީ ހަމައެކަނި ހަސަން." ރަޝީދު ބުންޏެވެ.

" އެކަމަކު... އަަހަރެން ކިހިނެއް ތި ކައިވެނި ކުރާނީ؟" ގޮތް ހުސްވެފައި ހުރި މީހެއް ފަދައިން ހަސަން ބުނެލިއެވެ.

" އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެންގެ ވިޔަފާރީގެ ވެރިޔާ. އަހަރެންގެ ހުރިހާ މުދަލެއްގެ ހަމައެކަނި ވާރުތަ ވެރިޔާ. އެ ފަދައިން އޭނާގެ ފިރިޔަކަށް ވެސް އެ ހުރިހާ އެއްޗެއް ހަމަހަމަ ކުރާނެ. ހަސަން، ޝަބްނަމްއާ ކައިވެނި ކުރުމަކުން ހަސަންގެ އާއިލާއަށް އުނިވާނެ އެއްވެސް އެއްޗެއް ނޯންނާނެ. މަރިޔަން ވެސް އުފާ ކުރަން ޖެހޭނީ. މާލޭގައި ދިރިއުޅުމުގެ ނަސީބު، ރަށްފުށުގެ މީހަކަށް ވަރަށް މަދުން ނޫނީ ނުލިބޭނެ. ހަސަންގެ ދަރިންނަށް ރަނގަޅު ތައުލީމެއް ދެވި، އެ ކުދިންނަށް ރަނގަޅު ކާ އެއްޗެހި ދޭން ލިބޭނެ. ކީއްވެ ހަސަން އިންކާރު ކުރަންވީ؟ އެއްވެސް ސަބަބެއް އެބައޮތްތަ؟" ރަޝީދު އެހިއެވެ.

ރަޝީދު ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ. ނަމަވެސް ވަރަށް ހަމަޖެހިގެންނެވެ. ރަޝީދުގެ ވާހަކަތަކުން އިތުރަށް ހަސަން ހާސް ވާ ގޮތް ވިއެވެ.

" ހަސަން ކާނެ ގޮތެއް ބޯނެ ގޮތެއް ނެތި، އަނބިދަރިންނާއެކު ހާލުގައި ޖެހިފައި ހުއްޓާ، އަހަރެން ދޯ ހަސަން މި ބެލެހެއްޓީ. އެއްޗެހި ދީފަ ދޭ ވާހަކަ ކިޔާކަށް ނެތިން. އެކަމަކު އަހަރެން އެ ދުވަހު ހަސަންއަށް ވީ އެހީގެ ބަދަލުގައި މީގެ ކުރިން ދުވަހަކު ވެސް ހަސަންގެ ފަރާތުން އެއްޗެއް ބޭނުމެއް ނުވެ. އެކަމަކު މިހާރު ހަސަންގެ ކިބައިން އަހަރެން މި އާދޭސް ކުރަނީ، އަހަރެންގެ ދަރިފުޅުގެ ފުރާނައަށް." ރަޝީދު ބުނެލީ ކުރަކިވެފައިވާ އަޑަކުންނެވެ.

" ފު...ފުރާނައޭ؟" ހަސަންއަށް ވާހަކަ ދެއްކުނީ ނުހަނު އުނދަގުލުންނެވެ. އެ ވަގުތު ރަޝީދު ބޯ ޖަހާލިއެވެ.

" އާނ. ކައިވެންޏަށް ހަސަން ދެކޮޅު ހަދައިފިނަމަ ޝަބްނަމް ހުރީ އަހަންނާ، އޭނަގެ މަންމަ ވެސް ދޫކޮށް، އަމިއްލައަށް މަރުވާން ނިންމައިގެން. އަހަރެމެންނަށް ވުރެ ވެސް އޭނައަށް މިއަދު ހަސަން މުހިއްމު." ރަޝީދު ބުންޏެވެ.

ހަރަކާތްތައް ހުއްޓިފައި ހަސަންއަށް ހުރެވުނެވެ. ކުރިމަތިވި ބޮޑު އިމްތިހާނާމެދު ފިކުރު ކުރެވެން ފެށިއެވެ. އޭރު އޭނާގެ ހަށިގަނޑު ތެރޭގައި އާދަޔާ ހިލާފް ރާޅެއް ދައުރުވަމުން ދާކަމުގެ އިހްސާސް ކުރެވެމުން ދެއެވެ. އޭގެ ސަބަބުން އެތެރެ ހަށީގެ ގުނަވަންތަކަށް ލޮޅުން އަރަމުންދާކަން އެނގެއެވެ.

" ވިސްނާލާ. މާދަމާ ހަސަންގެ ޖަވާބެއް އަހަރެން ބޭނުން." ރަޝީދު ބުންޏެވެ.

އެއަށްފަހު އޭނާ ނިކުމެގެން ދިޔައެވެ. ދޮރު ލެއްޕުނު އަޑަށް ހަސަން ފަހަތް ބަލައިލއެވެ. އެއާއެކު ރަޝީދު ދިޔަަކަން ޔަގީން ވުމުން ހަސަން އަވަހަށް އަވަހަށް ގޮސް އެނދުގައި އިށީނދެ ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ.

ރަޝީދު އެނބުރި ގޮސް ކޮޓަރިއަށް ވަތް އިރު ވެސް ޝަބްނަމް އިނީ އޭނާގެ ކޮޓަރީގައެވެ. އޭނާ ފެނުމާއެކު، ޒުހޭރާގެ ގައިން ދޫކޮށްލުމަށްފަހު ޝަބްނަމް ކޮޅަށް ތެދުވިއެވެ. އޭނާ ބަލަމުން ދިޔައީ ސީދާ ރަޝީދުގެ ދެ ލޮލަށެވެ.

" ހަސަން އެއްބަސްވިތޯ؟" ޝަބްނަމް ސުވާލު ކުރިއެވެ.

އެ ވަގުތު ރަޝީދު ގަދަކަމުން ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ހަސަން ބުނި، ވިސްނާލާނަމޭ. ކޮންމެ ގޮތެއް ވިޔަސް ދަރިފުޅަށް ވެސް އެނގެއެއްނު ހަސަންއަކީ ދިރިއުޅުމެއް ފަށައިގެން އުޅޭ މީހެއް ކަން." ރަޝީދު ބުންޏެވެ.

" އެންމެ ރަނގަޅު. އަޅުގަނޑު އޭނައަށް ދޭނީ ހަަމަ އެންމެ ދުވަހެއް." ޝަބްނަމް އެހެން ބުނުމާއެކު ރަޝީދަށް ހިންދިރުވާލެވުނެވެ.

ކިޔަވާގެއަށް ސާމިހް ގެންދިޔުމަށްފަހު މަރިޔަމް ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާގެ އުރުގައި ސާޔާ އިން އިރު ކުޑަކުޑަ ހާނިމް ހުރީ ކައިރީގައެވެ. ހޫނު ގަދަ ދުވަހެއް ކަމުން މަރިޔަމް މިސްރާބު ބަދަލުކޮށްލީ ބަނދަރާ ދިމާލަށެވެ. ބަނދަރުމަގުން ގެއަށް ދާން މާ ފިނިވާނެކަން އޭނާއަށް އެނގެއެވެ.

ފިނީގައި ގެއަށް ދާން މިސްރާބު ބަދަލުކޮށްލެވުނު ނަމަވެސް އޭނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. މާ ދުރު ނޫން ހިސާބެއްގައި ހުރި ރިލްވާން ފެނި މަރިޔަމް ހުއްޓުނެވެ. ފަރާތް ފަރާތް ހޯދާލެވުނީ މީހަކު ފެންނަން ހުރި ތޯއެވެ. އެއާއެކު ދެން އޭނާއަށް ފެނުނީ ރިލްވާން އޭނާއާ ދިމާލަށް އަންނަ ތަނެވެ. ސިކުންތެއްގެ ފުރުސަތެއް ވެސް ރިލްވާންއަށް ދޭކަށް މަރިޔަމް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އައިކޮޅަށް އެނބުރުނެވެ.

" މަރީ. މަޑުކޮށްބަލަ." ރިލްވާން ގޮވިއެވެ.

އެ އަޑު އިވި މަރިޔަމްގެ މެޔަށް ހީވީ ފެން އެއްޗެއް އަަޅާލިހެންނެވެ.

" މަޑުކޮށްބަލަ. އަހަރެން ދެކެ ބިރުންތަ ދުވެ، ފިލަނީ؟" ރިލްވާން އެހިއެވެ.

ބާރުމިނުގައި އޭނާ އައިސް މަރިޔަމްގެ ކުރިމަތީގައި ހުއްޓުނީ ވަރުބަލިކަމާއެކުއެވެ. އެ ވަގުތު މަރިޔަމްއަށް ދެ ބުމަ ކައިިރި ކޮށްލެވުނެވެ.

" ކިހިނެއް ވެގެން ތި އުޅެނީ؟ ރިލްވާންއާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނޭ. " މަރިޔަމް ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

" އެކަމަކު އަހަރެން ރަށަށް ވެސް ނުގޮސް މި މަޑުކޮށްލީ މަރިޔަމްއާ ރަނގަޅަށް ވާހަކަ ދައްކައިލަން ބޭނުން ވެގެން. " ރިލްވާން ބުންޏެވެ.

ހައިރާން ވީ ވަރުން މަރިޔަމް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މަރިޔަމްއަކީ މީހެއްގެ އަނތްބެއްކަން ހުދު ރިލްވާންއަށް ރަނގަޅަށް އެނގޭނެއެވެ. ވީ އިރު އޭނާ މަރިޔަމްގެ ފަހަތުން ނެއްޓެން ނޭނގިގެން އެ އުޅެނީ ކީއްވެ ކަމެއް މަރިޔަމްއަކަށް ނުވިސްނުނެވެ.

ހާނިމްއާ ދިމާލަށް ތިރިވެލާފައި ރިލްވާން ހާނިމްގެ ކޮލުގައި ކޮއްޓާލަމުން ހީލިއެވެ.

" ކޮއްކޮއަށް ބޭބެ ގެނައި އެޕޯލޯއެއް މި އޮތީ. ބޭނުންތަ؟" ރިލްވާން އެހިއެވެ.

އެ ވަގުތު ހާނިމް ރިލްވާންއާ ކައިރިވެލުމަށްފަހު އޭނާގެ ކޮނޑުގައި ބައްދައިގަތެވެ. ހާނިމްގެ އެ އަމަލުން ސިހިގެން ގޮސް، މަރިޔަމް އަވަސް އަވަހަށް ހާނިމްގެ އަތުގައި ހިފައި ދަމައިގަތެވެ. އޭރު ވެސް އޭނާއަށް އިރުއިރުކޮޅުން ވަށައިގެން ނަޒަރު ހިންގާލެވެއެވެ. މަރިޔަމްގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ.

" ހާނިމް. ދަރިފުޅު އާދޭ ގެއަށް ދާން." ބާރުބާރަށް މަރިޔަމް ބުނެލިއެވެ.

އެ ވަގުތު ރިލްވާން ކޮޅަށް ތެދުވިއެވެ. އެއާއެކު މަޑުކުރުމެއް ނެތި މަރިޔަމް ހިނގައިގެންފިއެވެ.

" ބައްޕައާ ދުރުގައި އުޅެން ޖެހުނީމަ ދަރިން ދެރަވާނެ ވަރު ހިތަކަށް ނާރާތަ؟ " ރިލްވާން ގޮވާލީ ބާރަށެވެ.

އެ ވަގުތު ބޭއިހްތިޔާރުގައި މަރިޔަމްއަށް ހުއްޓެވުނެވެ. އިތުރަށް އޭނާއަށް ރިލްވާން ދެކެ ރުޅި އާދެވުނެވެ.

" އެއީ ރިލްވާން އާ ބެހޭ ކަމެއް ނޫން. އާދޭސްކޮށްފައި ބުނަން އަހަންނާ އަހަރެންގެ ދަރިންނަށް އުނދަގޫ ނުކުރޭ. ރިލްވާންގެ އެއްވެސް އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫން. އަދި އެއްވެސް ގުޅުމެއް ވެސް ބާއްވާކަށް ބޭނުމެއް ނޫން. " މަރިޔަމް އެހެން ބުނެ، ހާނިމްގެ އަތުގައި ހިފައި، ހިނގައިގަތެވެ.

ނަމަވެސް ކުއްލިއަކަށް ހާނިމް ތެޅިގަނެފައި މަރިޔަމްގެ އަތުން ވީއްލިގެން ރިލްވާންއާ ދިމާލަށް ދުއްވައިގެންފިއެވެ.

" ކޮއްކޮ ބޭނުމީ ބޭބެ." ހާނިމް ގޮސް ރިލްވާންގެ ގައިގައި ޖެހިގެންފިއެވެ.

ރިލްވާން ހެވިފައި ހުރެ ހާނިމް އުރާލީ ނުހަނު ލޯބިންނެވެ.

" ހާނިމް. އާދޭ މަންމަ ކައިރިއަށް." މަރިޔަމް ގޮވާލިއެވެ.

ނަމަވެސް އޭނާގެ އަޑު ހާނިމްއަށް ނީވޭ ކަހަލައެވެ. ރިލްވާން ހާނިމްގެ ގައިގައި ބައްދާލުމާއެކު މަރިޔަމް ގޮސް ހާނިމްގެ ގައިގައި ހިފެހެއްޓިއެވެ.

" މީނަ ބާލާ ތިރިއަށް. އަހަރެން މި ހުރީ ވަރަށް ރުޅި އައިސްފަ ރިލްވާން." މަރިޔަމްގެ ދެ ލޮލުން އޭރު ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ.

" އެކަމަކު... ރުޅި އައިސް ހުންނަ އިރު މާ ރީތި ހެން ހީވޭ." ރިލްވާން ބުންޏެވެ.

އެއާއެކު މަރިޔަމްގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ފާޅުގައި އޭނާއަސް ތައުރީފް ކުރަން ކެރުނީތީ މަރިޔަމް ހައިރާން ވިއެވެ.

" ހެޔޮނުވާނެ ރިލްވާން. އަހަރެމެން ދޫކޮށްލާ. އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތި އުޅެނީ އަހަރެން ކީއްކޮށްގެންތަ؟ " މަރިޔަމް ސުވާލު ކުރީ ރޮވޭ ހާލުގައެވެ.

" މަރިޔަމް އެއްވެސް ކަމެއް ނުކުރެޔޭ. އެކަމަކު މަރިޔަމްގެ ތި ސޫރަ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ފުރާނަ ވެސް ތި ސޫރަޔާ ގުޅިލާމެހިއްޖެ ކަހަލަ. " ރިލްވާން ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" އަހަންނަކީ މީހެއްގެ އަނތްބެއް. އަހަންނާ ތިހެން ވާހަކަ ނުދައްކާ. އަހަރެމެންގެ ދިރިއުޅުން ހަލާކު ކުރަން މަސައްކަތް ނުކުރޭ." މަރިޔަމް ބުނެލިއެވެ.

އޭރު ވެސް ހާނިމް އޮތީ ރިލްވާންގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ.

" ބައްޕައެއްގެ ލޯބި ދަރިން އެންމެ ބޭނުންވި ދުވަހު ބައްޕަ އެ ހުރީ މާ ދުރުގައެއްނު. ބަލާބަލަ މި ދަރިފުޅު؟ ރަނގަޅަށް ވާހަކަ ދައްކަން ނޭނގުނަސް، މި ކުދިން ބައްޕައެއްގެ ލޯތްބަށް އެދޭވަރު ފެނޭތަ؟ ކީއްވެތަ ނޭނގޭ ކަމަށް ހަދަނީ؟ " ރިލްވާން ބުނެލިއެވެ.

ރިލްވާންގެ ވާހަކަ ހުރި ގޮތުން މަރިޔަމް އިތުރަށް ރުޅި އަތުވެއްޖެއެވެ.

" އެއީ ރިލްވާން ބެހެން ޖެހޭ ކަމެއް ނޫނޭ. އަހަންނަކީ ރިލްވާންއާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. ހާނިމް ބާލާ ތިރިއަށް." މަރިޔަމް ބުނެލިއެވެ.

" ގުޅުމެއް ނެތޭ ތި ބުނަނީ މަރިޔަމްގެ އަނގައިން. އެކަމަކު ހިތުގެ އަޑިން ތި ކަން ގަބޫލެއް ނުކުރާނެ. ބުނެބަލަ. އަހަންނާމެދު ނުވިސްނަންތަ؟ އަހަރެން މަތިން އިރުއިރުކޮޅުން ހަނދާނެއް ނުވޭތަ؟" ރިލްވާން އެހިއެވެ.

" ބުނެފީމެއްނު ފާޑުފާޑުގެ ވާހަކަ އަހަންނާ ނުދައްކާށޭ. އަހަންނަކީ ރިލްވާން ތި ހީކުރާ ކަހަލަ އަންހެނެއް ނޫނޭ." މަރިޔަމް ބުންޏެވެ.

" އެނގެޔޭ. އަހަރެން ހީކުރަނީ މުޅި ދުނިޔޭގައި ވެސް އުޅެނީ ވަރަށް ވިޔާނުދާ، އަންހެނުން ކަމަށް. އެކަމަކު... މިހާރު އެނގިއްޖެ މި ދުނިޔޭގައި ހުރި އެންމެ ރީތި، އެންމެ ކެތްތެރި އަންހެނަކީ ތިއީކަން." ރިލްވާން ބުންޏެވެ.

" ތިއީ ފައްކާ މޮޔައެއް." ބާރުބާރަށް މަރިޔަމް ބުނެލިއެވެ.

އެ ވަގުތު ރިލްވާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. މަރިޔަމް ހާނިމްގެ ގައިގައި ހިފާ ދަމަން ފެށުމުން އޭނާ ހާނިމް ބިންމަތީގައި ބެހެއްޓިއެވެ. އެއާއެކު މަޑުކުރުމެއް ނެތި މަރިޔަމް ހާނިމްގެ އަތުގައި ހިފާ ދަމަމުން ހިނގައިގަތެވެ.

" ތި ބުނި އެއްޗަކާ މެދު ފަހުން ވިސްނާލައްޗޭ. މަށަކީ މޮޔައެއް ނޫންކަން އަހަރެން ދައްކާނަން." ރިލްވާން ބާރަށް ގޮވާލިއެވެ. ރިލްވާންގެ އަޑު އިވޭ ކަމަށް ވެސް ނަހަދާ މަރިޔަމް ދިޔައެވެ.

ނުނިމޭ

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)