"އިތުބާރުކޮށްގެން ހުއްޓާ، ބޭބެގެ ހާޖަރާ ވެސް ވަރިވެގެން ގޮސް އެހެން މީހަކާ އިނދެގެން އެ އުޅެނީ. މިއަދު ބޭބެ މި ހުރީ އެކަނިވެފަ. " އަހަންމަދާ ބުނެލިއެވެ.
އިތުރަށް އެ ވާހަކަ ދައްކާކަށް ހަސަން ބޭނުމެއް ނުވިއެވެ. ނަމަވެސް ހިތަށް ލިބުނު އުނދަގޫ އިންތިހާއަށް ދިޔައީ އިތުރު ވަމުންނެވެ. އެ އުމުރުގެ މީހަކާ ޒުވާބު ކުރާކަށް ވެސް ހަސަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ، އިތުރަށް އެއްޗެއް ނުބުނެ ދޯނިން ފައިބައިގެން ދިޔައީއެވެ. މަރިޔަމްއާ މެދު ހިތުގައި އޮތް އިތުބާރާއި ޔަގީންކަމަށް ހިރަފުސް އަރާކަށް ފަހަރެއްގައި ވެސް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވެ، އަހަންމަދާ ދެއްކި ވާހަކަތައް ހިތުން ނެރެލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
" ބައްޕަ ކީއްކުރަންވަންތޯ ހަސަން ރަށަށް ތި ފޮނުވަނީ؟ އޭނަ އެނބުރި ނައިއްޔާ ކިހިނެއް ހަދާނީ؟" ޝަބްނަމް ބުނެލިއެވެ.
ޒުހޭރާއާއި ރަޝީދު ތިބީ އެނދުމަތީގައި އިށީނދެލައިގެންނެވެ. ދެ އަތް އުރާލައިގެން ހުރެ އޭރު ވެސް ޝަބްނަމް ދެ ކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ ހިތް ނުތަނަވަސް ވެފައިވާ މިންވަރު އެ މޫނުމަތިން ވެސް ރަނގަޅަށް ހާމަވެއެވެ.
" ދަރިފުޅު ކޮންކަމަކާތަ ފިކުރު ކުރަނީ؟ ހަސަން، ބައްޕައަށް ލަނޑެއް ނުދޭނެ. ބައްޕަ އޭނައަށް އިތުބާރު ކުރަމޭ." ރަޝީދު ބުންޏެވެ.
" އެކަމަކު ބައްޕާ. އަޅުގަނޑުގެ ހިތް ބުނަނީ ހަސަން ދެން ނާންނާނެޔޭ. އޭނަ އަދިވެސް ކައިވެންޏަށް އެއްބަހެއް ނުވެއެއްނު." ޝަބްނަމް ބުނެލިއެވެ.
" އިންކާރެއް ވެސް ނުކުރެ. ވިސްނާލާނަމޭ ދޯ ހަސަން ބުނީ. ދަރިފުޅު ދެން މާ ބޮޑަށޭ ތި ވިސްނަނީ. މަގޭ ޝަބްނަމްގެ ކައިވެންޏަށް އިންކާރު ކުރާނީ މޮޔައެއް ހަމަ." ޒުހޭރާ ބުނެލިއެވެ.
އޭނާ ތެދުވެގެން ގޮސް ޝަބްނަމްގެ އަތުގައި ހިފާލީ، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެއާއެކު ޝަބްނަމް މަންމަގެ ގައިގައި ބައްދާލިއެވެ.
މިހާރަކަށް އައިސް މަރިޔަމް އަބަދާއަބަދު ހުންނަނީ ސިހިސިހިއެވެ. ރިލްވާންގެ އުނދަގޫ ފޯރަފާނެތީ އޭނާ އިންތިހާއަށް ބިރުގަނެއެވެ. ރިލްވާންގެ ސަބަބުން އޭނާގެ ނަމަށް ހުތުރުވެފައިވާކަން ވެސް ހުދު އޭނާއަށް އެނގެއެވެ. ރަށުތެރެއަށް ނިކުމެލަން ވެސް އޭނާ ލަދުގަނެއެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް މަރިޔަމް އިނީ މަދުފަޅާށެވެ. ކައިރީގައި ތިން ދަރިން ވެސް ތިއްބެވެ. އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ދުރުގައި ހުރި ރުކެއްގައި ލެނގިލައިގެން ހުރި ރިލްވާނެވެ. އެއާއެކު މަރިޔަމްގެ ހިތް ނުތަނަވަސް ވެއްޖެއެވެ. ވިހަ ހިނިތުންވުމެއްގައި ހެވިފައި ހުރި ރިލްވާން ފެނި މަރިޔަމް ރުޅި ވެސް ގަދަ ވެއްޖެއެވެ. އަތުގައި އޮތް ކަތިވަޅިން އޭނާގެ ބޮލުގައި ޖަހާފާނަމޭ ވެސް ހިތަށް އެރިއެވެ.
" މަންމާ. އަދި މަދެއް ނަގަންތަ؟" ހާނިމް ބުނެލި އަޑަށް މަރިޔަމް ދިޔައީ ސިހިގެންނެވެ.
" ހިނގާ ގެއަށް ވަންނަން. ދެން މަދު ފަޅާ ނިމުނިއްޔޭ." މަރިޔަމް ބުންޏެވެ.
ތެދުވަމުން ވެސް އޭނާ ސިއްރުސިއްރުން އެ ދިމާލަށް ބަލައިލިއެވެ. އޭރު ވެސް ރިލްވާން ހުރީ ހަމަ އެތާއެވެ. ހިތުގައި އުފެދިފައިވާ ރުޅިގަނޑު، ރިލްވާންއަށް އަންގާލަން ހިނގައިދާނަމޭ ވެސް އޭނާ ހިތަށް އެރިއެވެ. ނަމަވެސް އޭރުން ވެސް ވާހަކަ ފަތުރާ މީހުންނަށް ފުރުސަތެއް ދެވުނިއްޔޭ ހިތާ، މަރިޔަމް ބޭނުންވީ އަޅައިނުލާ ހުންނާށެވެ. ތިން ކުދިންނާއެކު އޭނާ އަވަސް އަވަހަށް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ.
އެކި ގޮތްގޮތުން ވެސް ރިލްވާން މަސައްކަތް ކުރަމުން ދަނީ މަރިޔަމްގެ ހިތް ފަތަަހަ ކުރެވޭތޯކަން މަރިޔަމްއަށް އެނގެއެވެ. މީހެއްގެ އަނތްބެއްކަން އެނގި ހުރެ އޭނާ ބޭނުން ވެގެން އެ އުޅެނީ ވަގުތީ އުފާކަން ވެސް މަރިޔަމްއަށް އެނގެއެވެ. އޭނާގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެ ފުރުސަތެއް އޭނާ ނުދޭނެއެވެ.
" މީހަކު ޓަކި ޖެހިޔަސް ދެން ދޮރު ނުހުޅުވައްޗޭ." ހަރުކަށި ރާގެއްގައި މަރިޔަމް ބުންޏެވެ.
އެ ވަގުތު ސާމިހް ބޯ ޖަހާލިއެވެ.
ދަބަހަށް އެއްޗެހި އެޅުމަށްފަހު، ހަސަން ކޮޓަރިން ނިކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ސިޓިންރޫމްގައި ޝަބްނަމް އިނެވެ. ހަސަން ފެނުމާއެކު ޝަބްނަމް އަވަސް އަވަހަށް ތެދުވިއެވެ. ޝަބްނަމްގެ މޫނުމަތީގައިވަނީ ހިތާމަވެރި އަސަރުތަކެކެވެ. އޭނާ ހީވަނީ ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހިފައި ހުރިހެންނެވެ.
ހަސަން ފެނުމާއެކު ބާރުބާރަށް އައިސް އޭނާ ހަސަންގެ ކުރިމަތީގައި ހުއްޓުނެވެ.
" ހަސަން އަވަހަށް އަންނައްޗޭ." ޝަބްނަމް ބުނެލިއެވެ.
އެއާއެކު ހަސަން ބޯ ޖަހާލިއެވެ.
" ޖަވާބެއް ދީފައި ދާންވީނު. އޭރުން އަޅުގަނޑުގެ މި ހިތަށް ތަސައްލީއެއް ލިބިދާނެ. ހަސަން ފުރައިގެން ދިޔުމަށްފަހު، އަޅުގަނޑު އުޅޭނެ ހާލު މިހާރު ވެސް އިހްސާސް ކުރެވޭ. ހަސަން ނުފެނި އެންމެ ދުވަހަކު ވެސް އަޅުގަނޑަކަށް ނުހުރެވޭނެ." ޝަބްނަމް ވާހަކަ ދައްކަމުން ގޮސް ހަސަންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ.
އެ ވަގުތު ހަސަންގެ މުޅި ހަށިގަނޑަށް އެ އިހްސާސް ވެރިވެގެން ދިޔަ ކަހަލައެވެ. އުނދަގޫ ވީ ވަރުން ހަސަންއަށް ދުރަށް ޖެހިލެވުނެވެ. މަރިޔަމް ފިޔަވައި އިތުރު އެއްވެސް އަންހެނެއް އޭނާގެ ގައިގައި ބީހޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ މަރިޔަމްއަށް ވެވޭ ހިޔާނާތެކޭ ހީވުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ.
" ކޮ...ކޮން ޖަވާބެއް؟" އާގަންނަމުން ހަސަންއަށް ބުނެވުނެވެ.
" ހަސަން ހަނދާންވެސް ނެއްތަ؟ ކައިވެނީގެ ވާހަކަ... ހަސަން؟" ޝަބްނަމް ހުރީ ހައިރާންވެފައެވެ. އޭނާ ހީކުރީ ހަސަން އޭނާއާމެދު ވިސްނާނެ ކަމަށެވެ. އޭނާއާ މެދު ފިކުރު ކުރާނެ ކަމަށެވެ.
" އަދި އެކަމަކާ ނުވިސްނަން. " ހަސަން އަވަސް އަވަހަށް ބުނެލިއެވެ.
އެ ވަގުތު ޝަބްނަމް އަނެއްކާ ވެސް ހަަސަންގެ ކުރިމަތީ ހުއްޓުނެވެ. އޭރު އޭނާގެ ބޮޑު ދެ ލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ. ހާސްވެފައި ހުރި ވަރުން އެ ދޮން މޫނު ރަތްވަމުން ދިޔައެވެ.
" ނުވިސްނަމޭ... ހަސަން އަޅުގަނޑާ މެދަކު ނުވިސްނަންތަ؟ " ޝަބްނަމް ބުނެލިއެވެ.
އެއާއެކު ކުއްލިއަކަށް ކޮޓަރިން ނިކުތް ރަޝީދު ފެނި، ހަސަންއަށް ތެޅި ގަނެވުނެވެ. ގަތް ލަދުން އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
" އަނހަ. ދެ ކުދިން ހާދަ އޮލަ ވާހަކައެއްގައި؟" ރަޝީދު ވާހަކަ ދެއްކީ ހެވިފައެވެ.
" ހަސަން ފުރަން ދަނީ ދޯ؟" ހަސަންގެ ދަބަހާއި ފޮށި ފެނިފައި އަނެއްކާ ވެސް ވާހަކަ ދެއްކީ ރަޝީދެވެ.
" އާނ. މިހާރު ލަސްވެގެން މި ދަނީ. " ހަސަން ބުނެލިއެވެ.
އެއާއެކު ޝަބްނަމް އަވަސް އަވަހަށް ގޮސް ރަޝީދު ކައިރީ ހުއްޓުނެވެ. އެއާއެކު ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ރަޝީދުއަށް ޔަގީންވިއެވެ. ޝަބްނަމްގެ މޫނުމަތީގެ ކުލަަވަރު ހުރި ގޮތުން އަޅައިނުލާ ދޫކޮށްލާކަށް ވެސް ރަޝީދު ބޭނުމެއް ނުވިއެވެ.
" ދަރިފުޅު ކިހިނެއްވެފައި ތި ހުރީ؟" ރަޝީދު އެހިއެވެ.
ރަޝީދުގެ ސުވާލުން އެންމެ ބޮޑަށް ހާސްވީ ހަސަންއެވެ. ޝަބްނަމް ދޭނެ ޖަވާބެއް ނޭނގޭތީ އޭނާ ހުރީ ބިރު ވެސް ގެންފައެވެ.
" ހަސަން ފުރުމުގެ ކުރިން ކައިވެންޏަށް ރުހުން ދޭނެ ކަމަށް ހީކުރީ. އެކަމަކު ހަސަން އަދިވެސް ވަގުތު ބޭނުންވާ ހެން ހީވަނީ. އަދި އެކަމާ ނުވެސް ވިސްނަމޯ." ޝަބްނަމް ބުނެލިއެވެ.
ރަޝީދު ހަސަންއަށް ބަލައިލި ވަގުތު ހަސަން އަވަސް އަވަހަށް އިސްޖަހާލިއެވެ. ހަސަން ފުރައިގެން ދިޔުމުން ޝަބްނަމްއަށް ވާނެ ގޮތް ވެސް ރަޝީދަށް އެނގެއެވެ. އެެހެންވެ، ހަސަންގެ ފަރާތުން އެދެވޭ ޖަވާބެއް ހޯދަން ރަޝީދު ވެސް ބޭނުންވިއެވެ. ދަރިފުޅުގެ ހިތްހަމަ ޖެހުން އޭނާއަށް ވަރަށް މުހިއްމެވެ.
" ތެދެއް؟ ހަސަން ކޮންމެވެސް އެއް ޖަވާބެއް ދީފައި ދާން ވީނު. ކޮންމެ ގޮތެއް ވިޔަސް ހަސަންގެ އާއިލާ ހަލާކެއް ނުވާނެ. ޝަބްނަމްއަކީ ހަސަންއަށް ހެޔޮ އަނތްބަކަށް ވާނެކަމާމެދު އަހަރެން ޝައްކެއް ނުކުރަން. ހަސަންގެ އާއިލާގެ ހުރިހާ ކަމަކާ އަހަރެން ހަވާލު ވާނަމޭ. " ރަޝީދު ބުނެލިއެވެ.
ދެން ވެސް ހަސަންއަށް އެއްބަސް ވާކަށް ނުކެރުނެވެ. ނަމަވެސް އޭރު ވެސް ހުއްޓައިނުލާ ރަޝީދު ވާހަކަ ދައްކަމުން ދެއެވެ. އެކި ގޮތް ގޮތުން ޔަގީންކަން ދެމުން ދިޔައެވެ. ހަސަންއަށް ރަޝީދާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އާއިލާއަށް ކިތަންމެ ހަރަދު ކުރިޔަސް، ހަލާކުވެ، ވީރާނާ ވެގެން ދާނެ، މަރިޔަމްގެ ހިތަށް ރަޝީދަށް ފަރުވާ ދެވިދާނެތޯ ކިތަންމެ ފަހަރަކު ސުވާލު ކޮށްފާނަމޭ ހަސަން ހިތަށް އެރިއެެވެ.
" ހަސަން އިންކާރު ނުކުރައްޗޭ." ރަޝީދުގެ ފަހު ޖުމްލަ ހަސަންއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.
ބޭއިހްތިޔާރުގައި އޭނާއަށް ބޯ ޖަހާލެވުނެވެ. އެއާއެކު ޝަބްނަމްގެ މޫނުމަތިން އުފާވެރިކަން ވިދައިގަތެވެ. އަދި ރަޝީދުގެ ގައިގައި އޭނާ ބާރުބާރަށް ބައްދާލިއެވެ.
" އެހެންވީމަ، އާދެވޭނެ ތާރިޙެއް ކިޔަމާ. ހަސަން އަންނަމުން މަރިޔަނާ ތިން ކުދިން ވެސް ގޮވައިގެން އަންނާތި." ރަޝީދު އުފާވެރި ރާގެއްގައި ބުންޏެވެ.
ދޫ ހަރަކާތް ކޮއްލާނެ ވަރު ވެސް ހަސަންގެ ނެތެވެ. އެއްބަސް ވެވުނީ އެހެން އަންހެނަކު އޭނާގެ ހަޔާތަށް ގެންނާށެވެ. އެ އެއްބަސް ވުމަކީ އޭނާ އެންމެ ލޯބިވާ މަރިޔަމްގެ ހިތް ކުދިކުދި ވެގެން ދާނެ އެއްބަސްވުމެއްކަން އޭނާއަށް ކަށަވަރުވެއެވެ. ނަމަވެސް މަޖުބޫރީގެ ސާލަކުން އޭނާ ބަނދެވިގެން ދިޔައީ އަމިއްލަ ނަފްސަށް ވެސް އަމުރު ނުހިންގޭހާ ބާރަށެވެ.
" ބައްޕަމެން ކައިވެނީގެ އެންމެހާ ކަންތައްތައް ހަމަޖައްސާނަން. ހަސަން ގޮސް، އަވަހަށް އާދޭ." ރަޝީދު ބުނެލިއެވެ.
އެއާއެކު ހަސަން ބޯ ޖަހާލިއެވެ. އަދި ދަނީއޭ ބުނެ ބާރުބާރަށް ގެއިން ނިކުމެއްޖެއެވެ.
" ހަސަން." އިވުނީ ޝަބްނަމްގެ އަޑެވެ.
ދޮރާށި ހުޅުވާލުމާއެކު ފަހަތުން އައިސް ޝަބްނަމް އޭނާއާ އަރާ ހަމަކުރިއެވެ. ހަސަން، ފަސް އެނބުރި ބަލައިލީ ބަލައިލާ ހިތަކުން ނޫނެވެ. ޝަބްނަމްގެ މޫނު އުޖާލާވެ ތާޒާ ވެފައި ހުރިކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ނުވެސް އެނގި ހުއްޓާ، ކުއްލިއަކަށް ޝަބްނަމް ހަސަންގެ މެދު ހަށީގައި ބައްދައިގަތެވެ.
" އަޅުގަނޑު ހާދަ އުފާވެއްޖެޔޭ." ޝަބްނަމް ބުނެލިއެވެ.
ޝަބްނަމްގެ ދެ އަތުން ބަނދެވިފައިވާ ހަސަންގެ ހަށިގަނޑު ފިނިވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. އަތުގައި ހުރި ފޮށި ދޫކޮށްލުމަށްފަހު އޭނާ އަވަސް އަވަހަށް ޝަބްނަމްގެ ދެ ކޮނޑުގައި ހިފާ، ދުރުކޮށްލިއެވެ. އޭރު ވެސް ޝަބްނަމް ހުރީ ހެވިފައެވެ.
" އަވަހަށް އަންނައްޗޭ. އަޅުގަނޑު އިންތިޒާރު ކުރާނަން. ހަސަން ދިޔުމަށްފަހު، ރޭ ދުވާ އަހަންނަށް ދިގުވާނެ. ނިންޖާ އަރާމު ވެސް ބޭނުމެއް ނުވާނެ. އުފާވެރިކަން ގެއްލޭނެ. ހަޔާތުގެ ކުލަތައް ފަނޑުވެގެން ދާނެ. އަޅުގަނޑުގެ މުޅި ދިރިއުޅުމުގެ އުފާވެރިކަމަކީ ހަމައެކަނި ހަސަން. ހަސަންއަށްޓަކައި ފުރާނަ ވެސް ގުރުބާން ކުރަން އަޅުގަނޑު މި ހުރީ ތައްޔާރަށް." ޝަބްނަމް ހަސަންގެ އަތުގައި ހިފާ ބާރަށް ފިތާލިއެވެ.
އެއާއެކު ހަސަންއަށް ހިންދިރުވާލެވުނެވެ. ފުންމައިލެވުނީ އަނދިރި ފުން ކަނޑެއްގެ ތެރެއަށްކަން ހަސަންއަށް އެނގެއެވެ. ސަލާމަތްވެވޭނެ ގޮތަކީ ނެތް ގޮތެކޭ ހީވެ، އޭނާ އިންތިހާއަށް ބިރުގެންފިއެވެ. އެއާއެކު ހަސަންއަށް ޝަބްނަމްގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ.
" ދެން ވެސް އެއްޗެއް ނުބުނާނަންތަ؟ މިހާ ވަރަކަށް ދޯ މީހަކަށް ލޯބި އިޒުހާރު ކުރެވޭނީ؟ މިހާ ރީތި އަންހެން ކުއްޖަކު، ހަސަންދެކެ އެހާ ލޯބި ވާއިރު ވެސް އަނގައިން ޗުއްޕު ވެސް ނުބުނެ ތި ހުންނަނީ ކީއްވެ؟ " ޝަބްނަމް އަނެއްކާ ވެސް ހަސަންއާ ކައިރިއަށް ޖެހިލިއެވެ.
" ޝަ..ޝަ...ޝަބްނަމް އަހަރެންދެކެ ލޯބިވާަކަން އަހަންނަށް އެނގެޔޭ. " ހަސަން ބުނެލިއެވެ.
" އަދި އެއްފަހަރު އަޅުގަނޑުގެ ނަން ކިޔާލަބަލަ. ހަަސަންގެ ދުލުން އަޅުގަނޑުގެ ނަން ކިޔާލާ އަޑު އިވުނީމަ ވެސް މުޅި ހަށިގަނޑު ފިނިވެއްޖެ. ތިހާ އަސަރުގަދަ ކޮށް މީހަކު ޝަބްނަމްއޭ ބުނާ އަޑެއް ނުވެސް އަހަން." ޝަބްނަމް ބުންޏެވެ.
ހަސަންއާ ހެދި ހަމަ ރަނގަޅަށް ވެސް ޝަބްނަމް މޮޔަވެއްޖެކަން ހަސަންއަށް އެނގުނެވެ. ޝަބްނަމްގެ ކޮންމެ ވާހަކައަކުން އޭނާގެ ހިތަށް ފޫހިކަން ވެރިވެއެވެ. ރީތިކަން ދައްކައިގެން ވެސް ހަސަންގެ ހިތުން މަރިޔަމްއަށް ދެވިފައިވާ މަގާމަކަށް ބަދަލެއް ނާންނާނެޔޭ ހަސަންގެ ހިތަށް އެރިއެވެ.
" ވަރަށް އަވަހަށް އަންނައްޗޭ." ކުޑަކޮށް ކޮރެލުމަށްފަހު، ހަސަންގެ ކޮނޑުގައި ހިފަހައްޓާލަމުން މަރިޔަމް ބުންޏެވެ.\
އެއާއެކު ބޯ ޖަހާލަމުން ހަސަން އަނެއްކާ ވެސް ފޮށި ނެގިއެވެ. އަދި ނުތަނަވަސް ވެފައި ހުރެ އޭނާ ނިކުމެއްޖެއެވެ. އޭރު ވެސް ޝަބްނަމް ހުރީ ލޯބިވެތި ގޮތަކަށް ހެވިފައި ބަލަހައްޓައިގެންނެވެ.
ނުނިމޭ
( މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ. )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!