ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ "އެފް.އެސް.އެމް އާއިލީ ހަވީރު 2025" މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައްވަމުން އެބަ ދެއެވެ.
މި ހަވީރަކީ އެފްއެސްއެމްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާއްވާ ހަރަކާތެވެ.
އެފްއެސްއެމްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަވީރު އޮންނާނީ މިއަދު ހަވީރު 4 އިން 6 އަށް ކުޑަކުދިންގެ ބަގީޗާގައެވެ. މި ހަރަކާތް ރާވައި އިންތިޒާމްކުރަނީ އެފްއެސްއެމްގެ ފިއުލް ރިކްރިއޭޝަން ކްލަބާއި ކުންފުނީގެ އެހެނިހެން ޑިޕާޓްމަންޓްތަކުގެ އެހީތެރިކަމާއެކުގައެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި ތަފާތު ގޭމްތައް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފޭސް ޕެއިންޓިންގ، ކޭކް ޑެކަރޭޝަން، ގޯލް ޝޫޓިންގ، ބޯޓް ޕެއިންޓިންގ އަދި ސްނޭކް އެންޑް ލެޑަރ ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަދި މީގެ އިތުރުން ޓްރާންސްފޯމަރސްއާ ބައްދަލުކޮށް ފޮޓޯ ނެގުމާއި އެކި ހަދިޔާތައް ހޯދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.
އެފްއެސްއެމްގެ ފަރާތުން ވިދާޅުވި ގޮތުގައި، މި އަހަރަކީ ކުންފުންޏަށް 25 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މި މުނާސަބަތުގައި އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެ ހަރަކާތްތަކެއް ހިމެނެއެވެ. އަދި ރަށްރަށުގެ ކޮމިއުނިޓީ ލައިބްރަރީތައް ގާއިމްކުރުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި އެންޖީއޯތަކާ ގުޅިގެން ކުރިއަށް ގެންދާ ސީއެސްއާރް ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް އެފްއެސްއެމްއިން ބުނެފައިވެއެވެ.
އެފްއެސްއެމްގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަވީރުގައި އެ ބޭފުޅުންގެ އާއިލާތަކާއެކު ބައިވެރިވުން ކަމަށް ކުންފުނިން ބުނެފައިވެއެވެ. މި ހަވީރަކީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އާންމުންނަށް ޚާއްޞަކޮށްގެން ބާއްވާ އިވެންޓެއް ކަމަށްވެސް އެފްއެސްއެމްއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!