ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ޙަމްދީ (މާލެ/ގަލޮޅު ސިލްވަރުގެއާގެ) މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަސްނާ މި މަޤާމަށް ޢައްޔަންކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުގައެވެ. އަސްނާ މި މަގާމަށް ޢައްޔަނުކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށް، އަސްނާ މި މަގާމަށް ޢައްޔަނުކުރުމަށް ރުހުން އޮތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިއަދުގެ މަޖިލީހުގެ ޖަލްސާފައެވެ.

Ad
rt

އަސްނާއަކީ މަރުކަޒީ ބޭންކުގެ ތަފާތު މަޤާމުތަކުގައި 17 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެ ބޭންކްގެ މެނޭޖިންގް ޑިރެކްޓަރ- ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ގެ މަޤާމުގައެވެ.

އަސްނާ ވަނީ 2014 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް) އާއި އެހެނިހެން ތަޢުލީމީ ސަނަދުތައް ހާސިލުކުރައްވާފައެވެ.

އަސްނާގެ ޢިލްމީ ޤާބިލުކަން ފާހަގަކޮށް، އޭނާ ވަނީ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ އެވޯޑު ޙާސިލުކުރައްވައި، ދިރާސީ ކަރުދާސްތައް ވެސް ޝާއިޢުކުރައްވާފައެވެ.