ތެލެސީމިއާ ކުދީންނަށް އެއްވެސް ތަފާތުކުރުމެއްނެތި، ދިވެހި މުޖުތަމަޢުން ލިބެންހުރި ހުރިހާ ފުރުޞަތުތަކެއް ފަހިކޮށްދޭންޖެހޭކަން ފާހަގަކުރައްވައި، ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ.
ރައީސް މި އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ޚިޠާބުގައެވެ.
މި ޚިޠާބުގައި ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު، ދިވެހިރާއްޖެއަކީ ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ 18 މީހުންކުރެ އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ. "ޞިއްޙަތު ސަލާމަތުން ބޭތން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެކެވެ." ރައީސް ވިދާޅުވެފަވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ހަމައެކަނި ފަރުވާ ދިނުމުގެ އިތުރުން، ތެލެސީމިއާ ކުދީންނާ އޯގާތެރިކަމާއެކު މުޢާމަލާތުކޮށް، އުނގަންނައިދީ، އާމްދަނީ ހޯދޭނެ މަގުތައް ހުޅުވައިދޭންޖެހޭ ކަމަށެވެ. އަދި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން ސާބިތުކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ސިއްހީ ވުޒާރާއާއި ހަވާލުކޮށްފި
އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ސިއްހީ ވުޒާރާއާއި ހަވާލުކޮށްފި
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތެލެސީމިއާ ކުދީންނަށްޓަކައި ވެފައިވާ ވަޢުދުތައް ފުއްދާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ. އަދި ތެލެސީމިއާ ކުދީންނާއި އާއިލާތަކާ ސީދާ ބައްދަލުކޮށް، އެކުދީންނަށް ފަރުވާ ދޭގޮތް ބައްލަވާ، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވާނެކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިލްތިމާސްކުރެއްވީ ތެލެސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށެވެ. އަދި އެކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަތެވެ.
"ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅު ތަކެކެވެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ ޢަމަލެކެވެ." ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ތެލެސީމިއާ ކުދީންގެ ފުރާނައިގެ ޙައްޤުގައި ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާ ކަމަށެވެ. އަދި އެކުދީންނަށްޓަކައި ކުރާ ކޮންމެ ހެޔޮ ދުޢާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް، ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިއަދަކީ ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ކަމަށްވާއިރު، ރައީސް މުޢިއްޒުގެ މި ޚިޠާބަކީ ތެލެސީމިއާ ކުދީންނާއި އެކުދީންގެ ޢާއިލާތަކަށް އުއްމީދާއި ހިތްވަރު ލިބިގެންދާނެ ޚިޠާބެކެވެ. އަދި ތެލެސީމިއާ ކުދީންނަށް އެހީތެރިވުމަށް މުޅި މުޖުތަމަޢު އެއްބައިވުމަށް ގޮވައިލައްވާފައިވާ ގޮވައިލެއްވުމެއް ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!