ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ސިއްހަތާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެމަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ އެމަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައި ގައުމީ ދިފާއީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެއްމަސްތެރޭގައި އެމަސައްކަތް ނިންމާ މިއަހަރުގެ ތެލެސީމިއާ ދުވަހު އެތަން ހިދުމަތަށް ގެންނަވާނެކަންވެސް އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.

އޮރެންޖު ހިޔާގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައެވެ. އެމްއެންޑީއެފުން އައު ސެންޓަރުގެ ފޮޓޯތައް މިއަދު ހިއްސާކޮށްފައިވާއިރު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ އެނދުތައް ކައިރީގައި އެ ކުދީން ގަޔާވާނެ ގޮތަކަށް ފާރުގައި ވަނީ ކުރަހާފައެވެ. އަދި ސެންޓަރު ހަވާލުކޮށް، ބައެއް ސިފައިން ވަނީ ލޭ ވެސް ހަދިޔާކޮށްފައެވެ.

މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުވައިފައިވަނީ 1994ގައި ކަމަށްވާއިރު، އެ މަރުކަޒުގެ ހިދުމަތްތައް ޒަމާނީ ނުވުމާއި އިމާރާތް ބައުވުމުގެ ކަންބޮޑުވުން އާއިލާތަކުން އައީ ފާޅުކުރަމުންނެވެ. އައު އިމާރާތާއިއެކު މި ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.