ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ސިއްރު ކުރަން ސިވިލް ކޯޓުން ނިންމައިފި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ސާޖިދާ ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށެވެ.

Ad
rt

އެ މައްސަލައިގައި ސާޖިދާގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އަޑުއެހުންތައް ލައިވްކޮށް ޓީވީން ވަގުތުން ދެއްކުމަށެވެ. ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމީ ކުޑަކުއްޖެއްގެ މަސްލަހަތު އެ މައްސަލައިގައި ހިމެނޭތީ އަޑުއެހުން ސިއްރު ކުރުމަށެވެ.

ނަމަވެސް ސާޖިދާގެ ފަރާތުން އެދިވަޑައިގަތް ގޮތަށް އެ ތިން މައްސަލާގެ އަޑުއެހުން ވެސް އެއްކޮށް ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި މަންދީ އާއި އެމްޑީޕީގެ އެހެން މެންބަރަކު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.