ހއ. ބާރަށުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ 8 މީހަކާ ސުވާލުކޮށް، އެ މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ބާރަށުގައި ސިހުރު ހާހޫރަ ހަދާކަމަށް އެ މުއައްސަސާގެ އިންޓެލިޖެންސްއަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން، މިއަދު (5 މެއި 2025) ހެނދުނު 7:00 އިން ފެށިގެން އެރަށުގައި އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މި އޮޕަރޭޝަނެއްގައި، އެ ރަށުގެ 8 ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު، އެ މީހުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިހުރުހެދުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކަމެކެވެ. އަދި ރާއްޖޭގެ ޤާނޫނުގައި ވެސް މަނާކަމެކެވެ.
ސިހުރާއި ފަންޑިތަ ހެދުމަކީ އަޅުގަނޑުމެންގެ މި ކުޑަ ދިވެހި މުޖްތަމައުގައި މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ އާއިލާ ބިކަވެ، ވިއްސިވިހާލިވެންދާ އިރު، ބައެއް މީހުން ބަލި އެނދުގައި އޮންނަން ޖެހޭ ފަހަރު ވެސް އާދެއެވެ. އަދި އަނެއް ބަޔަކު ދުނިޔެއާ ވަކިވާން ޖެހޭ ފަހަރު ވެސް އާދެއެވެ. ފަންޑިތައާއި ސިހުރު ހެދުމަކީ ރާއްޖޭގައި މަނާ ކޮށްފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!