ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ލަފާކޮށްފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓު އޮފީހުން މިއަދު އާންމު ކުރި ސަމާލުގެ މެސެޖެއްގައި، ކުރިއަށް އޮތް ތިން ދުވަހު (މެއި 6 އިން 8) އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން ވަނީ އިލްތިމާސް ކޮށްފައެވެ.

Ad
rt

މެޓް އޮފީހުން ބުނީ، މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށެންދާ، ދެ މޫސުން ފައްތަރުވާ ދުވަސްވަރުކަމަށެވެ. އެހެންވެ، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތަށް ދެކުނުގެ އަތޮޅުތަކަށް އަރަމުން އަންނަކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. އަދި ވޭތުވި 24 ގަޑިއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާކަން މެޓުން ވަނީ ފާހަގަކޮށްފައެވެ.

މެޓު އޮފީހުން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

’’އަދި ބައެއްް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަން’’ މެޓުން ބުނެފަވެއެވެ.

އެހެންވެ މިކަމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.