މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެއްވި ފުރަތަމަ ދަރުސްގައި އަގުހުރި 12 ވަޞިއްޔަތެއް ކުރައްވައިފިއެވެ.
އިމާމްގެ މި ދަރުސް އޮތީ ބުރާސްފަތި ދުވަހުގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
މި ދަރުހުގައި އެމަނިކުފާނު މުހިންމު 12 ވަޞިއްޔަތެއް ކުރެއްވިއެވެ. އެ ގޮތުން ކުރެއްވި ކޮންމެ ވަޞިއްޔަތެއްގެ ތަފްޞީލް ޤުރުއާނާއި ސުންނަތުގެ އަލީގައި ވަނީ ދެއްވާފައެވެ.
1. އަޅާގެ ބާއްޖަވެރިކަން ހޯދުމަށް އިސްލާމީ ޝަރީޢަތުގެ އަސާސްތައް ކަމުގައިވާ އިސްލާމީ ޢަޤީދާއާއި، ޝަރީޤަތާއި، އަޚްލާޤާއި، އަދަބާއި އަދި ސުލޫކް ހިފަހައްޓާށެވެ.
ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ އިންސާނާއަށް ބާއްޖަވެރިކަން އޮތީ މިކަންކަމުގައި ހިފަހައްޓައިގެން ކަމަށެވެ. އަދި އިންސާނާ ކަންބޮޑުވާންވާނީ ސުވަރުގެ ނުލިބިދާނެތީ ކަމަށާއި ދުނިޔޭގެ އެދުންތަކާ މެދުގައި ނޫން ކަމަށެވެ. އަދި ދުނިޔޭގެ ތަނަވަސްކަމާއި މުއްސަނދިކަމާ މެދު ކަންބޮޑުވާނަމަ، އެ މީހެއްގެ ކިބައިން ފުދުންތެރިކަމާއި މުއްސަނދިކަން ނެތިކުރައްވަފާނެކަމަށް އިމާމު ވިދާޅުވިއެވެ. އެހެނަސް އާޚިރަތާ މެދު ކަންބޮޑުވާނަމަ އެ މީހަކަށް ދުނިޔޭގައި ފުދުންތެރިކަމާއި ތަނަވަސްކަން މާތް ﷲ މިންވަރުކޮށްދެއްވާނެކަމަށް އިމާމް ވިދާޅުވިއެވެ.
"ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލި. އެކަމަށް އޮތް ފަރުވާއަކީ އެދުންތަކަށް ދެކޮޅު ހެދުން. ހިތްތަކަށް ހަމެޖުހުމާއި އާރޯކަން ލިބޭނީ މާތް ﷲއަށް ތަޤުވާވެރިވެ، ކިޔަމަންތެރިވެގެން. ރިވެތި އަޚުލާޤާއި ސުލޫކު ހިފަހައްޓައި، މީހުންނަށް ހެޔޮކޮށް ހިތައިގެން." ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިއެވެ.
2. ޤަޟާގަދަރަށް އީމާންވުމުން މުސީބާތްތައް ލުއިވާނެއެވެ.
މާތްﷲގެ އަމުރުފުޅުތަކަށް ތަބާވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވާ، ޙަޤީޤީ މާނާގައި ޤަޟާޤަދަރަށް އީމާންވާ މުއުމިނަކު، ދުނިޔޭގެ މުސީބާތްތައް ބޮޑުކަމަކަށް ނަހަދާނެކަމަށް އިމާމް ވިދާޅުވިއެވެ. އަދި އެހެން މީހުން އިޙްސާސްކުރާ ތުރާތައް ޤަޟާޤަދަރަށް އިމާންވާނަމަ، ލުއިވާނެކަމަށްވެސް އިމާމް ވިދާޅުވިއެވެ.
3. ނަމާދަށް ރައްކާތެރިވާށެވެ.
މިކަމާ ގުޅޭގޮތުން ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ ނަމާދަކީ އިސްލާމް ދީނުގައި އެންމެ މުހިންމު އެއް ރުކުންކަން ފާހަގަކުރަށްވާފައެވެ. އަދި އެއީ އިންސާނާއަކީ މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން އަންގައިދޭ އަލާމާތެއް ކަމަށް ވިދާޅުވިއެވެ. ނަމާދަށް ރައްކާތެރިވުމަކީ އެންމެ މުހިންމު ވާޖިބުކަމަށާއި ފަރުޟު 5 ނަމާދު ވަގުތުގައި ކަންނެތްކަމެއް ނެތި، އިޚުލާސްތެރިކަމާއެކު އަދާކުރުން ވަރަށް މުހިންމުކަމަށް އިމާމް ވިދާޅުވިއެވެ.
"ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހަލާކު ހުރިކަން ބަޔާންކޮށް މާތްﷲ ވަހީކުރައްވާފައިވޭ. ހަނދާންނެތިގެން ނަމާދު ދޫކޮށްލެވިއްޖެނަމަ ހަމައެކަނި އޭގެ ކައްފާރައަކީ ހަނދާން ވުމުން ނަމާދުކުރުން." އިމާމް ވިދާޅުވިއެވެ.
4. ދޭދޭ ފަރުދުންގެ މެދުގައި ސުލްހަވެރިކަން ދަމަހައްޓާށެވެ.
ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިގޮތުގައި މީސްތަކުންގެ މެދުގައި އުފެދޭ ދޭދޭ ދެބަސްވުންތައް ހައްލުކޮށް މީހުންގެ މެދުގައި ސުލްހަ ކުރުމަކީ އިސްލާމް ދީނުގެ މުހިންމު އަސާސެކެވެ. އަދި ފިތުނަ ފަސާދަ ނައްތާލުމަކީ ސުލްހައަށް ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.
5. ޢިލްމު ފެތުރުމާއި މާތް ﷲގެ މަނތިން ހަނދުމަކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވާށެވެ.
އިބްނުޤައްޔިމު ވިދާޅުވެފައިވެއެވެ. '' މީހަކު މީހަކު ސުވަރުގޭގެ ބަގީޗާއެއްގައި އިންނާން ބޭނުންނަމަ މާތްﷲ ހަނދުމަކުރުމުގެ މަޖިލީހެއްގައި އިންނަހުށިކަމެވެ. ފަހެ، އެއީ ސުވަރުގޭގެ ބަގީޗާއެކެވެ.'' ޑރ. ޞަލާޙުލްބުދައިރު ވިދާޅުވެފަވެއެވެ.
6. ރިވެތި އަޚްލާޤް
އިމާމް ވިދާޅުވި ގޮތުގައި ރިވެތި އަޚްލާޤަކީ އެންމެ ރީތި ފޭރާމެވެ. އެއީ ފަޤީރުންގެ މުއްސަނދިކަމެވެ. މުއްސަނދީންގެ ޒީނަތެވެ. ބާއްޖަވެރީންގެ ފޭރާމެވެ. އަބުރުވެރިކަމާއި ޤަދަރުވެރިކަމުގެ ސަބަބެވެ.
7. ހަސަދައާއި ދުރުހެލިވާށެވެ.
މަސްޖިދުލް ނަބަވީގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިގޮތުގައި ހަސަދަވެރިކަމަކީ އަޚްލާޤީ އެންމެ ނުބައި އެއް ސިފައެވެ. އެއީ އަބާއްޖަވެރިކަމުގެ އަސާސެވެ.
8. ދޫ ރައްކާތެރިކުރުމާއި، ރިވެތި ބަހުން މީސްތަކުންނާއި މުޚާތަބު ކުރުމާއި، މީހުންގެ ކުއްތައް ވަންހަނާކުރާށެވެ.
ރިވެތި ބަހުން މުއާމަލާތް ކުރުުމާއި، ދޫ ރައްކާތެރި ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅާކަމެއްކަމުގައި ޑރ. ޞަލާޙުލްބުދައިރު ފާހަގަކުރެއްވިއެވެ.
9. މީހުންނަށް ހުތުރު އެއްޗެހި ގޮވުމާއި ދުރުހެލިވާށެވެ.
ދޫ ރައްކާތެރި ކުރުމުގެ އިތުރުން މީހުންނާއި ދިމާއަށް މައިބަފަޔަށް ގޮވުމާއި، މީހުން ފަޟީހަތްވާނޭ ގޮތްގޮތަށް ވާހަކަ ދެއްކުމާއި އެފަދަ ވާހަކަތައް ލިޔެ އުޅުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށް އިމާމް ވިދާޅުވިއެވެ.
10. އޯގާތެރިކަމަށް ހިތްވަރުދީ ބާރުއަޅާށެވެ.
އިމާމް ވިދާޅުވިގޮތުގައި އޯގާތެރި ކަމަކީ މަތިވެރި ސިފައެކެވެ. ބުއްދިވެރި އިންސާނާގެ މާތް ސިފައެކެވެ. އަދި އެއީ ކާމިޔާބީގެ އެއް ބަޔެވެ.
11. އުރެދުމުގެ އަހުލުވެރީންނާއި ދުރުހެލިވާށެވެ.
ނުބައި ޢަމަލުކޮށް އުޅޭ އުރެދުންތެރީންނާއި ދުރުހެލިވުމަކީ މުހިންމުކަމެއްކަން އިމާމް ފާހަގަކުރެއްވިއެވެ. އަދި އެހެންނޫންނަމަ އެމީހުންގެ ތެރޭގައި ތިބާވެސް ހިމެނިދާނެކަމުގެ ބިރު އޮންނާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ވާހަކަތައް ދައްކާ ބަޔަކާއިއެކުގައި ނުވުމަށް މާތްﷲ އަންގަވާފައިވެއެވެ.
12. ހެޔޮލަފާ މީހުންނާއެކުގައި އުޅޭށެވެ.
މަސްޖިދުލް ނަބަވީގެ އިމާމް ޑރ. ޞަލާޙުލްބުދައިރުގެ ނަސޭހަތަކީ ހެޔޮލަފާ މީހުންނާއެކުގައި އުޅޭނަމަ ހެޔޮލަފާ ދަސްވާނެކަމެވެ. ރަނގަޅު އާދަތައް އަށަގަންނާނެކަމެވެ. ފައިދާ ހުރި ކަންކަން ދަސްވާނެކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!