ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލާގައި ފުރުން މަނާކޮށްފައިވާ މީހަކު މެލޭޝިޔާއަށް ފުރިކަމަށް ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ޔުމްނު ވެއްޓުނު ރޭ ޔުމްނު ހިމެނޭހެން އުޅުނު ގްރޫޕްގައި ހިމެނޭ އަންހެންކުއްޖަކު މެލޭޝިޔާ އަށް ފުރާފައިވާކަމަށް މީސްމީޑިއާގައި އަންނަނީ ޚަބަރު ފަތުރަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިޔާއަށް ފުރާފައިވާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކައެއްކަމަށެވެ.
މި މައްސަލައިގެ ތަހްގީގު ފުލުހުން ކުރިއަށް ގެންދާއިރު، މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް ފުލުހުން އެދިފައި ވަނީ އޭނާގެ މައްޗަށް ތިން ތުހުމަތެއްކޮށްފައެވެ. އެއީ، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވުމާއި، އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި އަދި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައި، އެމީހުން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އޭނާ ވެއްޓިފައި ވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޔުމްނު އަށް އަންނަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!